މަނީ ލޯންޑަރ ކުރެއްވުމުގެ ކުށް ސާބިތުވާކަމަށް ހުކުމް އިއްވައި، ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަބްދުﷲﷲ ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދިނުމަށް، އެމަނިކުފާނުގެ ޤާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު އަވައްޓެރި ތިން ޤައުމެއްގެ ވެރިކަން ކިބައިން އެދިވަޑައިގެނފި އެވެ.
އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބް ރައީސް ގޮތުގައި ހުންނެވުމަށްފަހު، ޤައުމުގައި އުޅުއްވުމުގެ ފުރުސަތު ނެތުމުން ބޭރު ޤައުމަކަށް އަރުވާލެވިގެން ހުންނެވުމަށްފަހު އެމަނިކުފާނުގެ ވެރިކަން ބަދަލުވުމުން ރާއްޖެ ވަޑައިގެން އުޅުއްވާ ޑރ. ޖަމީލް، އަބްދުﷲ ޔާމީން މިނިވަން ކުރުމުގެ މަސައްކަތުގެ އެހީތެރިކަމަށް އެދިވަޑައިގެންނެވީ އަވަށްޓެރި ލަންކާ، އިންޑިއާ އަދި ޕާކިސްތާނުގެ ވެރިންގެ ކިބައިންނެވެ. ޑރ. މުހައްމަދ ޖަމީލް އަހުމަދަކީ ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގެ އިސް ޤާނޫނީ ވަކީލުވެސްމެ އެވެ.
ޑރ ޖަމީލް ބުރާސްފަތިި ދުވަހު ކުރެއްވި ޓުވީޓެއްގައި އަވަށްޓެރި ތިން ޤައުމުގެ ވެރިންގެ ކިބައިން އެހީއަށް އެދިވަޑައިގެން ވިދާޅުވެފައިވަނީ އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ އުފައްދައިގެން އުފުލި ދައުވާއެއް ކަމަށެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަން ބޭނުންކޮށް، ސިޔާސީކޮށް ޝަރީއަތުގެ މިނިވަންކަން ގެއްލުވާލާފައިވާކަމަށް ޖަމީލް ތުހުމަތުކުރައްވާފައިވެއެވެ.
އޭގެއިތުރުން އެތަކެއް އިދިކޮޅު ސިޔާސީ ލީޑަރުންނެއް ޖަލަށް ދަމަމުންގެންދާކަމަށް ވިދާޅުވެ ޖަމީލް އަވައްޓެރި
ޤައުމުތަކުގެ ވެރިންގެ ކިބައިން އެދިވަޑައިގެންފައިވަނީ އިންޑިއާ ކަނޑުގެ ހަމަޖެހުން ޤާއިމްކުރުމަށް އަބްދުﷲ ޔާމީން ވަގުތުން ދޫކޮށްލުމަށް ސަރުކާރަށް ބާރުއަޅައިދިނުމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުން އިސްކޮށް ތިއްބަވާ، ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންވެސް ގެންދަވަނީ ކުރީގެ ރައީސް ޔާމީން މިނިވަންކުުމުގެ މަސައްކަތަށް ބޭރުގެ އެހީތެރިކަމަށް އެދިވަޑައިގަންނަނަވަމުންނެވެ. އަދި ބައްދަލުވުންތައް ކުރިއަށްގެންދަވަމުންނެވެ.
މިމަހުގެ 21 ވަނަ ދުވަހު ހައިކޯޓުން ވަނީ އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމަށް ތާއީދުކޮށްފަ އެވެ. އަދި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ނިންމި ނިންމުމަށްވެސް ތާއީދުކޮށްފައިވެއެވެ. އެޔާއެކު ޔާމީން މިނިވަންކުރުމަށް ކުރަމުން އައި މަސައްކަތްތައް އިދިކޮޅުން ވަނީ ހަލުވިކޮށްފަ އެވެ.