މާލޭގެ ޕާކިންގް މައްސަލަ ހައްލުކުރުމަށް، މާލޭގެ އަމީނީ މަގުގެ ދެކުނުގައިވާ މަގުތަކާއި ގޯޅިތަކުގައިވާ ޕާކިންގް ޒޯންތައް ކުއްޔަށް ދޫކުރަން ނިންމައި މާލޭ ސިޓީ ކައުންސިލުން އެކަން އިޢުލާންކޮއްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، އަމީނީ މަގާ ގުޅިފައިވާ ގޯޅިތަކުން މި ބުރުގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ވިއްކުމަށް ހަމަޖައްސާފައިވަނީ 292 ޖާގައެވެ. މި ޒޯނުން ޖާގަ ދޫކުރަނީ ހަތަރު ފުރޮޅުލީ އުޅަނދުފަހަރުގެ ތެރެއިން ކާރަށާއި އަދި 350 ކިލޯއިން ފެށިގެން ދަށުގެ ޕިކަޕަށެވެ. 

މިފަހަރު ޖާގަ ދޫކުރަނީ އެމަގާގުޅިފައިވާ 13 ގޯޅިއާއި މަގަކުންނެވެ. އެއީ ތަބުރޭޒީ ހިނގުމާއި، ފަޅުމަތީމަގާއި، މާނިފާ ހިނގުމާއި، ދޮންއަދަރާދަ ހިނގުމާއި،ކޮއިމަލާ ހިނގުމާއި، ރެހެންދި ހިނގުމާއި، ރަށްދެބައި ހިނގުމާއި، އައިމިނާ ރަނި ހިނގުމާއި، ވައިދެރި ހިނގުމާއި، މާފަތްކިލެގެފާނު ހިނގުމާއި، ހުދުފަޅު ހިނގުމާއި، ހިލާލީ މަގާއި، އުޖާލާ ހިނގުމުންނެވެ. 

މަގުމަތިން ވިއްކާ ޕާކިންގް ސްލޮޓެއްގެ އަގަކީ މަހަކު 1500.00 ރުފިޔާއެވެ.

މާލޭ ސިޓީ ކައުންސިލުން ހުޅުވާލާ ޕާކިންގް ސްލޮޓްތަކުން ޖާގަ ދޫކުރާނީ މާލޭ ސިޓީއަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށެވެ. އަދި ޖާގަ ދޫކުރާނީ އެފަހަރަކު ހުޅުވާލާ ޖާގަތަށް ހުސްވަންދެނެވެ. ހުޅުވާލެވޭ ފުރުޞަތުގެ ދަށުން ލިބޭ ޕާކިންގް ސްލޮޓްގައި ޕާކް ކުރެވޭނީ އެ ސްލޮޓަކަށް ހަމަޖެހުނު އުޅަދަށް އެކަންޏެވެ. ބަދަލުގައި އެހެން އުޅަނދެއް ޕާކް ނުކުރެވޭނެއެވެ. 

ސިޓީ ކައުންސިލްގެ ޕާކިންގް ސްލޮޓްތަކަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ ކަންތައްތަކުގެތެރޭގައި، ވެރިފަރާތްނޫން އެހެންފަރާތަކުން ހުށަހަޅާނަމަ ޕަވަރ އޮފް އެޓަރނީގެ ލިޔުން ހުށަހެޅުން ނުވަތަ އެއްބަސްވުމުގެ ކޮޕީއެއް ހުށަހެޅުން، ރޯޑް ވާދިނަސް އަދި އަހަރީ ފީގެ ލިޔުންތައް ހުށަހެޅުމާ، އިންސުއަރެންސް ލިޔުން ހުށަހެޅުން ހިމެނެއެވެ.

އަމީނީ މަގާ ގުޅިފައިވާ ގޯޅިތަކުން ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ޕާކިންގް ސްލޮޓްތައް ގަތުމަށް ހުށަހަޅާނީ މާލޭ ސިޓީ ކައުންސިލުން އެކަމަށް ޚާއްޞަކޮށްފައިވާ "ޕާކިންގް ޕޯޓަލް" މެދުވެރިކޮށެވެ. ޕާކިންގް ޕޯޓަލް ވަނީ ސިޓީ ކައުންސިލްގެ ވެބްސައިޓްއާ ގުޅުވާފައެވެ. ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 13:00 ގައެވެ. މި ގަޑިން ފެށިގެން ޖާގަތަށް ހުސްވަންދެން ހުށަހަޅަމުން ގެންދެވޭނެއެވެ.

ޖާގައަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މައުލޫމާތާއި ހަމަކުރަންޖެހޭ ލިޔެކިޔުންތަކުގެ މައުލޫމާތު ޕޯޓަލްގައި ހިމެނިފައިވާނެއެވެ. ޕާކިންގް ޕޯޓަލްގައި މިހާރުވެސް ރަޖިސްޓްރީކުރެވޭނެއެވެ.

މާލޭގެ ބައެއް ސަރަޙައްދުތަކުން ވަކި ވަގުތަކަށް ޕާކްކުރަން ބޭނުންވާ ފަރާތްތަކަށް "ޓައިމް ޕާކިންގް" ސްލޮޓް ތައް ހަމަޖެއްސުމަށްވެސް ސިޓީ ކައުންސިލުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މާލޭ ސިޓީ ކައުންސިލުން މިހާތަނަށްވަނީ 3 ސަރަޙައްދަކުން ޕާކިންގް ޖާގަ ދޫކޮއްފައެވެ. އެއީ ދަންޑަހިލު ގޯއްޗާއި، އަލިމަސް ކާނިވާ ސަރަޙައްދާއި ސަލްމާން މިސްކިތް ސަރަޙައްދެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.