ކޮވިޑްޝީލްް ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ސަރުކާރުން ދިނުމާއެކު، ވެކްސިން ދިނުމުގެ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން ދެއްވުމުގެ ކުރިން ފެށުމަށް ނިންމާފައިވާކަން އިތުބާރުހުރި މަސްދަރަކުން "ޖަޒީރާ" އަށް ކަށަވަރުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެއްޓެވުމުގެ ގޮތުން، ރައީސް ދެއްވާ ރިޔާސީ ބަޔާން ދެއްވުން އޮންނާނީ 4 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހުއެވެ.

"ޖަޒީރާ" އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާގޮތުގައި، މި ދުވަހުގެ ކުރިން ވެކްސިން ދިނުމުގެ ކަންތައްތައް ފެށުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގައި ފުރަތަމަ ދިނުމަށް ނިންމާފައިވަނީ "ކޮވިޝީލްޑް" ވެކްސިންއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އެތޯރިޓީން ބުނީ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ (އެސް.އައި.އައި) އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިން ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ވަނީ 2021 ޖަނަވަރީ 26 ވަނަ ދުވަހު ދީފައިވާކަމަށެވެ. މި ހުއްދަ ދީފައިވަނީ ޙާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށް ކަމަށް އެ އެތޯރިޓީން ބުންޏެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ "ކޮވިޝީލްޑް" އަކީ، އިނގިރޭސިވިލާތުގެ އޮކްސްފަރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ އޮކްސްފޮރޑް-އެސްޓްރާޒެނެކާ ވެކްސިން، އެސް.އައި.އައި. އިން މެނުފެކްޗަރކޮށް ބާޒާރަށް ނެރެފައިވާ ބްރޭންޑްނަމެއް ކަމަށެވެ. އޮކްސްފޮރޑް-އެސްޓްރާޒެނެކާ ވެކްސިންއަކީ އިނގިރޭސިވިލާތުގެ ބްރިޓިޝް މެޑިސިންސް އެންޑް ހެލްތުކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީ 2020 ޑިސެންބަރު 30 ވަނަ ދުވަހު ހުއްދަކޮށްފައިވާ ވެކްސިންއެކެވެ.

މި ވެކްސިންއަކީ ދިވެހިރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ޙާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ ފުރަތަމަ ވެކްސިންއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން އަދި ބައިނަލްއަޤްވާމީ އުސޫލުތަކުގެ ދަށުން ހެލްތް އެމަރޖެންސީ ޙާލަތުގައި ބޭނުންކުރުމަށް އައު ވެކްސިންތަކަށް ހުއްދަ ދޫކުރެވޭ މިންގަނޑުތަކަށް ދިވެހިރާއްޖޭގައި ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންއަށް ހުއްދަ ދިނުމުގައި ފުރިހަމައަށް ރިޢާޔަތްކޮށްފައިވާނެކަމަށް ބަޔާނުގައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.