ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން މާދަމާ މުޅި ރާއްޖޭގައި އިހްތިޖާޖެއް ބޭއްވުމަށް ނިންމައިފިއެވެ.
"އިންސާފު ކޮބާ؟" ނަމުގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިހްތިޖާޖު މާލޭގައި ފެށުމަށް ހަމަޖެހިފައިވަނީ ޕީޕީއެމް އޮފީސް ދަރުމަތިންނެވެ. އިދިކޮޅު ކޯލިޝަނުން މައުލޫމާތުދީފައިވާ ގޮތުގައި، މި އިހްތިޖާޖް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 ގައެވެ.
އިދިކޮޅުން މާލޭގެ މަގުމައްޗަށް ނުކުމެ އިޖުތިޖާޖުކުރަން ނިންމާފައިވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުންކޮށްފައިވާ ހުކުމް ދެމެހެއްޓުމަށް ހައި ކޯޓުން ނިންމުމާއި ގުޅިގެންނެވެ. މިކަމާއި ގުޅިގެން އިއްޔެ ހެލްތު މިނިސްޓްރީ އާއި އެޗްއީއޯސީ އަދި މިއަދު ފިނޭންސް މިނިސްޓްރީ ކުރިމައްޗަށް އެއްވެ އިހްތިޖާޖްކޮށްފައިވެއެވެ.
އިދިކޮޅުން އިހްތިޖާޖްތައް އިތުރުކޮށްފައިވާއިރު، ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރޭ މިންވަރުވެސް މިވަނީ އިތުރުވެފައެވެ. އެގޮތުން، ދުވާލަކު 100 މީހުންނަށްވުރެ ގިނައިން ޕޮޒިޓިވްވާތާ މިހާރު ވަނީ ހަތަރު ދުވަސް ވެފައެވެ.
މި އިހްތިޖާޖްތަކުގައާއި އިދިކޮޅުން ބާއްވާ ބައެއް ޕްރެސްތަކުގައި ރައްޔިތުންނަށް އޮޅޭނެހެން ވެކްސިނާއި ގުޅޭގޮތުންވެސް މައުލޫމާތު ދޭކަން ފާހަގަކޮށް އެކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.