އަންނަ ލޯކަލް ކައުންސިލް އިންތިޚާބާއި ރަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ގުޅިގެން، ރަށްވެހިކަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން ކުރިއަށް 11 ދުވަސް ތެރޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ނިންމެވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެއެވެ.
އޭޕްރިލް މަހުގެ 10 ވަނަ ދުވަހަކީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބާއްވާ ތާރީހުގެ ގޮތުގައި އީސީއިން މިހާރުވަނީ ކަނޑައަޅާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބުގެ މަސައްކަތްތައް ރަސްމީކޮށް ފެށުމަށް ނިންމާފައިވަނީ 29 ޖެނުއަރީގައި ކަމަށެވެ. އެހެންކަމުން، އިންތިޚާބާއި ގުޅިގެން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ ފައިނަލް ކުރުމުގެ މަސައްކަތް އީސީއިން ކުރަންޖެހޭނެއެވެ.
މި މަސައްކަތް ކޮމިޝަނުން ކުރަމުންދާކަމަށާއި 8 ފެބްރުއަރީ 2021ގެ ކުރިން ރަށްވެހިކަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަން ކުރުމަށް އީސީއިން ވަނީ އެދިފައެވެ.
ދާާދިފަހުން ކައުންސިލް އިންތިހާބާއި ގުޅޭ ގާނޫނަށް ގެނެވުނު އިސްލާހުގައި ވާގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބޭއްވި ނަމަވެސް، އެ އިންތިހާބު ބޭއްވޭނީ ހެލްތު ޕްްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާ ގައިޑްލައިނާއި އެއްގޮތަށެވެ.
ޤާނޫނަށް ގެނެވުނު އިސްލާހާއެކުވެސް މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަންޖެހެ އެވެ. މިކަމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވާނެކަމަށް އީސީއިންވަނީ ބުނެފައެވެ. ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބާއެކު އޭގެ 30 ދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހޭނެއެވެ.