19 ޖުލައި 2017 އިން ފެށިގެން، އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބާތިލް އަމުރެއްކަމަށް ހައި ކޯޓުން ކަނޑައަޅައިފިއެވެ. 

އެ މައްސަލާގެ އަމުރު ހައި ކޯޓުން ބާތިލްކޮށްފައިވަނީ، އެ މައްސަލައިގެ މުއާލަތް ކެނޑި، ފާރިޝް މައުމޫން މިނިވަނެއްގެ ގޮތުގައި އުޅުއްވާތާ 2 އަހަރަށްވުރެ ގިނަ ދުވަސް ފަހުންނެވެ.

2017 ވަނަ އަހަރު ފާރިސް މައުމޫން ހައްޔަރުކުރެވުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ބޭނުންވާ ވޯޓު ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނުފޫޒު ފޯރުވައި ޤާނޫނާއި ހިލާފަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކުރެވުމާއި ގުޅިގެންނެވެ. އެ މައްސަލައިގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް، ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކަމަށް މިއަދު ހައި ކޯޓުން ވަނީ ކަނޑައަޅާފައެވެ. 

މި މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް، ފަނޑިޔާރު ހަސަން ޝަފީއު، އަދި ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ.

މި އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރައްވަމުން ފާރިސް މައުމޫންގެ ފަރާތުންވަނީ 11 ނުކުތާއެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) އާއި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއާއި 69 ވަނަ މާއްދާއާ ޚިލާފަށް ޝަރީއަތް ކުރިއަށް ގެންގޮސްފައިވާކަމަށާއި، ފާރިސް މައުމޫން ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 202 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަން ފާހަގަކުރުމުން އެކަމަށް ރިއާޔަތްކޮށްފައިނުވާކަން ފާރިސް މައުމޫންގެ ފަރާތުން ހައި ކޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގެ ހުކުމް އިއްވަމުން ހައި ކޯޓުގެ 3 ފަނޑިޔާރުންވެސް ވަނީ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެގޮތުން، ބަންދުގެ މަޖިލީސް ސިއްރުކޮށްދޭން ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުނުކަމަށް ދައުލަތުން ބުނިނަމަވެސް، އެފަދަ އެއްވެސް ލިޔުމެއް މައްސަލައިގެ ފައިލުން ފެންނަން ނެތްކަން ފާހަގަކޮށްފައިވެއެވެ. އަދި، މީހަކު ހައްޔަރުކުރުމަށްފަހު އަމަލުކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާގޮތަށް އަމަލުކޮށްފައިނުވާކަމަށްވެސް ހައި ކޯޓުގެ ފަނޑިޔާރުންވަނީ ފާހަގަކޮށްފައެވެ. މި މައްސަލައިގައި ކްރިމިނިލް ކޯޓުން ނެރުނު އަމުރަކީ ބާތިލް އަމުރެއްކަމަށް ނިންމާފައިވަނީ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. 

މިއަދުގެ ހުކުމާއި ގުޅިގެން ޓްވީޓް ކުރައްވަމުން ޔުމްނާ މައުމޫން ވިދާޅުވީ، ބޭއިންސާފާއި ދެކޮޅަށް އިސްނަގައި އިސްލާޙަށް މަސައްކަތް ކުރުމުން ނުޙައްޤުން ދިން އަނިޔާތަކަށް މިއަދު އިންސާފު ލިބިއްޖެކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.