އިލެކްޝަންސް ކޮމިޝަންގެ އިންތިހާބާއި ބެހޭ މަރުކަޒު -- ފޮޓޯ: ރާއްޖެޓީވީ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ބައިވެރިވި ކެނޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދިޔުމަށް ބޭނުންވާ ކެނޑިޑޭޓުން ނަން އަނބުރާ ގެންދެވޭނެ ސުންގަޑި އިލެކްޝަންސް ކޮމިޝަނުން (އީސީ) ކަނޑައަޅައިފިއެވެ.

އީސީ އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދެ އިންތިޚާބުގައި ބައިވެރިވި ކެނޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ކެނޑިޑޭޓުން ނަން އަނބުރާ ގެންދިޔުމުގެ ސުންގަޑިއަކީ މި ފެށޭ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހެވެ. އީސީއިން ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދިޔުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުގައެވެ. އޭގެ ފަހުން މިދިޔަ އަހަރު އެކަނިވެސް 50 އަށްވުރެ ގިނަ ކެނޑިޑޭޓުންވަނީ ނަން އަނބުރާ ގެންގޮސްފައެވެ. 

އޭޕްރިލް މަހުގެ 10 ވަނަ ދުވަހަކީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބާއްވާ ތާރީހުގެ ގޮތުގައި އީސީއިން ވަނީ ކަނޑައަޅާފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބުގެ މަސައްކަތްތައް ރަސްމީކޮށް ފެށުމަށް ނިންމާފައިވަނީ 29 ޖެނުއަރީގައި ކަމަށެވެ. 

ދާާދިފަހުން ކައުންސިލް އިންތިހާބާއި ގުޅޭ ގާނޫނަށް ގެނެވުނު އިސްލާހުގައި ވާގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބޭއްވި ނަމަވެސް، އެ އިންތިހާބު ބޭއްވޭނީ ހެލްތު ޕްްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާ ގައިޑްލައިނާއި އެއްގޮތަށެވެ. ޝަރީފް ވިދާޅުވީ މިހާރު މި ގައިޑްލައިން އެކުލަވާލުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ގެޒެޓް ކުރުމުގެ މަސައްކަތް ކަމަށެވެ.

ޤާނޫނަށް ގެނެވުނު އިސްލާހާއެކުވެސް މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަންޖެހެ އެވެ. ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބާއެކު އޭގެ 30 ދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހޭނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.