ސިފައިންގެ ވަޒީފާއަށް ވަނުމަށް އެދި 700 އަށްވުރެ ގިނަ ފޯމް ލިބިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފް ގެ އިސް ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ސިފައިންގެ ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފޯމް ހުށަހަޅާފައިވަނީ 759 ފަރާތަކުންނެވެ. އެއީ 112 އަންހެނުންނާއި 647 ފިރިހެނުންނެވެ.
ސިފައިންގެ ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އިންޓަވިއުތައް ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ އިތުރުން، އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.ނައިފަރު، ހދ.ކުޅުދުއްފުށީގައެވެ. މީގެ އިތުރުން އެމްއެންޑީއެފް ސެންޓްރަލް އެރިއާ ލ.ކައްދޫ އާއި ލ.ފޮނަދޫ އާއި ލ.ގަން އާއި ފ.ނިލަންދޫ އާއި މ.މުލީގައި އިންޓަވިއުތައް ބާއްވާފައިވެއެވެ. އަދި އެމްއެންޑީއެފް ސަދަން އޭރިއާ އައްޑޫސިޓީ ހިތަދޫ އާއި ފުވައްމުލައް ސިޓީ އާއި ގދ. ތިނަދޫ ގައި އިންޓަވިއުތައް ވަނީ ބާއްވާފައެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި، ސިފައިންގެ ވަޒީފާ އެދި ފޯމް ހުށައެޅުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، 31 ޖަނަވަރީ 2021ގެ ކުރިން ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހެޅޭނެއެވެ.
ސިފައިންގެ ވަޒީފާއަށް އެދި 2020 ޑިސެންބަރ 31 ނިޔަލަށް ހުށައެޅި ފަރާތްތަކަށް އިންޓަވިއު ކުރުމާއި ފިޒިކަލް ޓެސްޓުތައް ސިފައިންގެ ނޮދަން އެރިއާ، ސަދަން އެރިއާ، ސެންޓްރަލް އޭރިއާގައި މިހާރު ދަނީ ބާއްވަމުންނެވެ. ޖަނަވަރީ މަހުގައި ވަޒީފާ އަށް އެދި ފޯމް ހުށައަޅާ ފަރަތްތަކުގެ އިންޓަވިއު ކުރުމާއި ފިޒިކަލް ޓެސްޓުތައް ބާއްވާނެ ތާރީޚެއް ވަރަށް އަވަހަށް ތާވަލްކޮށް، ފޯމް ހުށައެޅި ފަރާތްތަކާ ގުޅުމުގެ މަސައްކަތަށް ކުރިއަށް ދާނެކަމަށް އިބްރާހިމް އާޒިމްވަނީ ވިދާޅުވެފައެވެ.