ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް، ފޯކައިދޫ ރައްޔިތުންގެ ޝުކުރު ރައީސަށް

މި ސަރުކާރު ވެރިކަމަށް އައި އިރު އާބާދީ މަދު ނުވަތަ ކުދި ރަށްތަކަކީ އެހެން ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައިވާ ރަށްތަކެއް ނޫނެވެ. ތަރައްގީކުރަންޖެހި ރައްޔިތުން އެކަމަށް ކިތަންމެ އެދުނަސް އެކަން އެންމެ އެކަށީގެންވާ ގޮތަަކަށް ކުރެވިފައިނުވާކަން ތާރީހު ހެކިދެއެވެ. އެހެންނަމަވެސް މިސަރުކާރު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވު ރިޔާސީ ކެމްޕެއިން އިން އެންމެ ފާހަގަކޮށްލެވުނު ވައުދު ތަކަކީ މިފަދަ ކުދި ރަށްތަކުގެ ރައްޔިތުންނަށް އުންމީދުތައް އައު ކޮށްދެއްވި ވައުދުތަކެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުތަކުގެތެރެއިން މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި އަސާސީ ޚިދުމަތެއްގެ ގޮތުން ފެނާއިނަރުދަމާ މި ފަސް އަހަރުތެރޭ ގާއިމްކޮށްދެއްވާނެކަން ހިމެނެއެވެ. މި ވައުދުތައް ފުއްދެވުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާއިރު މިކަމުގައި އާބާދީ މަދު ރަށެއް ނުވަތަ ބޮޑު ރަށެއް ތަފާތެއް ނުކުރައްވައެވެ. މިކަން ހާމަކޮށްދޭ އެއް ކަމަކީ މިވަގުތުވެސް އެތައް ރަށެއްގައި ހިނގަމުންދާ ފެނާއިނަރުދަމާގެ މަޝްރޫއުތަކާ ބަނދަރު ހެދުމާ ބިން ހިއްކުމާ، މަގުހެދުން ފަދަ ތަފާތު މަޝްރޫއުތަކުންނެވެ.

ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ރަށްތަކުގެތެރެއިން ށ.ފޯކައިދޫ އަކީ ފާގަކޮށްލެވޭ އެއްރަށެވެ. ފޯކައިދޫގައި މިވަގުތު ކުރިއަށްދާ މަޝްރޫއުތަކުގެތެރޭގައި ބަނދަރު އަޕްގްރޭޑްކުރުމުގެ ޕްރޮޖެކްޓާއި ފެނާއި ނަރުދަމާ ޤާއިމުކުރުމާއި އައު އިންޖީނުގެ އެޅުމުގެ މަޝްރޫޢު ފާހަގަކޮށްލެވެއެވެ. މިއީ ފޯކައިދޫ ރައްޔިތުން އުންމީދުކުރި ކަންކަމެއް ނޫނެވެ. އެހެންނަމަވެސް މިކަންކަން ފުރިހަމަކުރެވޭތަން ފެނުމުން ރައްޔިތުން ތިބީ އުފަލުންނެވެ. މިކަން ހާމަވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންނެވުމުން ފޯކައިދޫ ރައްޔިތުން ކީ މަރުޚަބާއިންނެވެ.

ފޯކައިދޫ ރައްޔިތުން ރައީސަށް މަރުޚަބާދެންނެވުމަށް ނިކުމެތިބީ އެމަނިކުފާނު 2023 ވަނަ އަހަރުވެސް ވެރިކަމަށް ގެންނަން ބޭނުންވާކަން ހާމަކޮށްދެމުންނެވެ. އެގޮތުން މަރުހަބާ ކިޔަން އޮތް ދިގު ސަފުގެ މެދުތެރެއިން ބަޔަކު ތިބީ "އިބޫ 2023" ޖަހާފައިވާ ބޯޑުތަކެއް ހިފައިގެންނެވެ. މިއިން ސާފުވީ ފޯކައިދޫ ރައްޔިތުން ބޭނުންވާ ތަރައްގީގެ ބަދަލުތައް ރަށަށް އަންނަމުންދާކަމެވެ.

ފޯކައިދޫއަށްވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަނީ ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެެއްވުމުގައި ފޯކައިދޫ ކައުންސިލަރުން ވަނީ އެރަށަކީ ކުރިން ވަރަށްބޮޑަށް އަޅާނުލައި ދޫކޮށްލާފައި އޮތް ރަށެއްކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މިސަރުކާރު ވެރިކަމަށް އައިފަހުން ތަރައްޤީގެ މަޝްރޫޢުތައް އެރަށުގައި ބާރު ސްޕީޑްގައި ކުރިޔަށްދާކަން އުފަލާއެކު ކައުންސިލަރުން ވަނީ ފާހަގަކުރައްވާފައެވެ.

އެ ގޮތުން މިހާރު ކުރިޔަށްދާ ބަނދަރު އަޕްގްރޭޑްކުރުމުގެ ޕްރޮޖެކްޓާއި ފެނާއި ނަރުދަމާ ޤާއިމުކުރުމާއި އައު އިންޖީނުގެ އެޅުމުގެ މަޝްރޫޢު ފާހަގަކުރައްވައި ކައުންސިލުން ވަނީ އެކަންކަން ބާރު ސްޕީޑްގައި ކުރިޔަށްދާތީ ކައުންސިލާއި ރައްޔިތުން ޝުކުވެރިވެރިކަމާއެކު އެކަންކަން ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ފޯކައިދޫ ކައުންސިލުން ވަނީ ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ބޭނުންވާކަމާއި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމާއި ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރަށުން ގޯތިދޫކުރެވޭނެ ގޮތެއް ހަމަޖެއްސުމާއި ބެހޭގޮތުންނާއި ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ކޮމެޓީގެ މަސައްކަތްތައް ހިންގުމަށް ޚާއްޞަ ތަނެއް ނެތުމުގެ ދަތިކަން ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފޯކައިދޫއަކީ މި ސަރުކާރު ވެރިކަމަށް އައިއިރު ގިނަ އަސާސީ ޚިދުމަތްތަކެއް ނުފެށި އޮތް ރަށެއްކަން ފާހަގަކުރައްވާފައެވެ. ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިޔަށްގެންދާގޮތަށް ހަމަޖައްސަވާނެކަމަށާއި އަދި ފުޓްބޯޅަ ދަނޑާއި އަދި އެ ނޫންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއީ އަނެއްކާވެސް ފޯކައިދޫފަދަ، ތަރައްގީކުރުމުގައި އެތައް އަހަރަކަށް ބާކީ ކޮށްފައި އޮތް ރަށެއްގެ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެއްކަން ޔަގީނެވެ. އަދި ތަރައްގީއަށް ބޭނުންވެފައިވާ ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާނެ އުންމީދެކެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %