ދިވެހިރާއްޖެ އިން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ ނިސްބަތް 2030 ވަނަ އަހަރަށް 26 އިންސައްތަ ކުޑަ ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
ކްލައިމެޓް އެޑެޕްޓޭޝަން ސަމިޓް 2021 ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އެއަމާޒަށް ވާސިލްވުމަށް ދިވެހިރާއްޖެ އިން މަސައްކަތް ކުރާނީ މިހާރު ހުރި ވަސީލަތްތައް ބޭނުން ކޮށްގެން ކަމަށެވެ.
މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ވަނީ، ދިވެހިރާއްޖެ ހިއްސާކުރަނީ ދުނިޔޭގެ ނިސްބަތުން ޖައްވަށް ދޫކުރާ ވިހަގޭހުގެ އެންމެ 0.003 (ސުމެއް ޕޮއިންޓް ސުމެއް ސުމެއް ތިނެއް) އިންސައްތަ ކަމުގައި ވީނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލާގައި ދިވެހިރާއްޖެ އިން ލީޑަރޝިޕް ދައްކާނެކަން ފާހަގަ ކުރައްވާފައެވެ.
އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ހަރުދަނާ ބޮޑެތި ފިޔަވަޅުތައް އެޅުމަށާއި، ބޮޑެތި ނިންމުންތައް ނިންމުމަށް ގޮވާލާނެ ކަމަށާއި، އެކަމުގައި ސާބިތުވެ ހުންނަވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އަދި 2030 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެ އަކީ ނެޓް ޒީރޯ ޤައުމަކަށް ހެދުމަށް ދިވެހިރާއްޖެ އިން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލްވުމަށް، ދުނިޔޭގެ ގައުމުތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކްލައިމެޓް އެޑަޕްޓޭޝަން ސަމިޓްގައި ވާހަކަ ދައްކަވަމުން ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރިމަތިވާ ގެއްލުންތަކަކީ ބޮޑު ގޮންޖެހުމެއްކަން ފާހަގަ ކުރައްވާ، އެކަމާއި ގުޅިގެން މީހުންގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށް ވިދާޅުވެފައެވެ.
އަދި އެފަދަ ގެއްލުންތައް ކުރިމަތިވާ މިންވަރު އިތުރުވަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ދެމެހެއްޓެވިނިވި ތަރައްޤީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތައް ކުރުމަށް އިތުރު ދަތިތަކާއި ކުރިމަތިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ، އެ ގެއްލުންތައް ކުޑަކުރުުމަށް ކުރަންޖެހޭ މަސައްކަތަށް ފައިސާގެ އެހީއާއި ވަސީލަތްތައް ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ.
މި ސަމިޓްގައި ވާހަކަ ދައްކަވަމުން އެންވަޔަރމަންޓް މިނިސްޓްރ ޑރ. ހުސެއިން ރަޝީދު ވަނީ ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ އަށް އަސަރުކޮށްފައިވާ ކަން ފާހަގަ ކުރައްވާ، ސަރުކާރުގެ ޕޮލިސީ އަކީ ކޮވިޑް 19 ގެ ވަބާއިން އަރައިގަންނައިރު، ވަރުގަދަކޮށް ތަރައްގީގެ ކަންކަމާއިގެން ކުރިއަށް ދިޔުން ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ ވަނީ ދިވެހިރާއްޖޭގެ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ގައި ކްލައިމެޓް އެޑެޕްޓޭޝަން ހަރުދަނާ ކުރުމަށް ހިމަނާފައިވާނެކަން ފާހަގަ ކުރައްވާފައެވެ.
އޮންލައިންކޮށް ބޭއްވި ކްލައިމެޓް އެޑެޕްޓޭޝަން ސަމިޓް 2021 ގައި ދުނިޔޭގެ އެކި ގައުމުތަކުގެ ސައިންޓިސްޓުންނާއި، ޕްރައިވެޓް ސެކްޓަރ، ސިވިލް ސޮސައިޓީ އަދި ޔޫތު ރިޕްރެޒެންޓޭޓިވްސް ހިމެނޭ ގޮތަށް ޖުމްލަ 18،500 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ދުނިޔޭގެ 30 ލީޑަރުންނާއި، ގައުމުތަކުގެ ވަޒީރުންގެ ފެންވަރުގެ 50 ބޭފުޅުން އަދި 50 އަށްވުރެ ގިނަ ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ބައިވެރިވެފައިވެއެވެ.