ހުޅުމާލޭ މިސްކިތެއްގައި ނަމާދު ކުރަން ހުރި އުމުރުން ދުވަސްވީ މީހަކަށް ހަމާދިން އިންޑިއާ މީހާގެ މައްޗަށް ޖިނާއީ ދައުވާއެއް ނުކޮށް، ޑީޕޯޓުކޮށްލަން ނިންމީ މަސްލަހަތަށް ބެލުމަށް ފަހު ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
މި މައްސަލައަކީ ހުޅުމާލެ އަޒީޒާ މިސްކިތް ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ވަހެއް ދުވާތީ ކަމަށް ބުނެ، އިންޑިއާ ފިރިހެނެއް އެމީހާ ނެރެން އުޅެ، މާރާމާރީ ހިންގި މައްސަލައެވެ.
މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުވާ ނުކޮށް، ޑީޕޯޓުކޮށްލުމަށް ޕީޖީ އޮފީހުން ނިންމީ އޭނާ އަކީ އިންޑިއާ އަށް ނިސްބަތްވާ މީހަކަށް ވުމުން ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެމުން ޕީޖީ އޮފީހުން ބުނީ އެ މީހާ ޑީޕޯޓުކޮށްލުމަށް ނިންމީ މައްސަލައިގެ ޒާތާއި ބާވަތަށާއި، ލިބިފައިވާ ގެއްލުމާއި، ތުހުމަތުކުރެވޭ މީހާގެ ކުށުގެ ރެކޯޑާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތް ކުރުމަށްފަހު އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށެވެ.
އަދި އަނިޔާ ލިބުނު ފަރާތާއި އެ އޮފީހުން މަޝްވަރާކޮށް މައްސަލަ ކުރިއަށް ގެންދިއުމާމެދު ދެކޭ ގޮތް ވެސް އެ ނިންމުން ނިންމުމުގެ ކުރިން ބަލާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެ އޮފީހުން ބުނީ މި މައްސަލައިގައި ނިންމި ނިންމުމަކީ އަނިޔާ ލިބުނު ފަރާތުގެ މަސްލަހަތުވެސް ހިމާޔަތްކޮށްދެވޭ ނިންމުމެއް ކަމަށެވެ.
ޕީޖީ އިން ބުނީ މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ކުރާ ކުށްތަކުގެ ބާވަތާއި ލިބުނު ގެއްލުމާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް ކުރިންވެސް ޢަމަލުކުރަމުން ދިޔަ ގޮތް ކަމަށެވެ. އަދި މިބާވަތުގެ ނިންމުންތައް ނިންމުމުގައި ކުށުގެ ތުހުމަތުކުރެވޭ މީހާ ވަކި ޤައުމަކަށް ނިސްބަތް ވުމަކީ، މައްސަލައިގެ ނިންމުމަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މިހާރު ހުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ.