މި ސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ރަނގަޅު ނަތީޖާ ފެނުނު ނަމަވެސް، އެއީ މި މަސައްކަތުގެ ނިމުމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް (ޓީއައި) ގެ ފަރާތުން، ގައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމަށް ތައްޔާރުކުރި ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖެއިން 14 ޕޮއިންޓުގެ ކުރިއެރުމެއް ހޯދުމާއި ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ މިފަދަ ކުރިއެރުންތަކަކީ ކޮރަޕްޝަނާއި ދެކޮޅަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
ސީޕީއައި ގައި ކުރި ރާއްޖެއަށް ލިބުނު ކުރިއެރުމާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރެފައިވާ ބަޔާނެއްގައި ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ގާނޫނީ ނިޒާމު ހަރުދަނާކުރުން ފަދަ ދާއިރާތަކުން ރާއްޖެ ކުރި ހޯދާފައިވީ ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް ފުރިހަމަކަމާއިއެކު މަސައްކަތް ކުރުމަށް އަދިވެސް ނުކުޅެދިފައިވާކަން އެ ސަރވޭ އިން ހާމަވާކަމަށެވެ.
އަދި ކޮވިޑް-19 ފަދަ ހާލަތްތަކަކީ ކޮރަޕްޝަނާއި ދެކޮޅަށް އިންސާފުވެރި ކަމާއިއެކު މަސައްކަތް ކުރުމަށް އެޅޭ ހުރަހެއް ކަމަށް ސިފަކޮށް އެ ޖަމިއްޔާ އިން ބުނީ ކުއްލި ހާލަތްތަކުގައި ކޮރަޕްޝަނާއި ދެކޮޅު، ހާމަކަން ސިޔާސަތުތަކެއް ގެންގުޅުން މުހިއްމު ކަމަށެވެ.
ޓްރާންސްޕޭރެންސީ އިން މިހެން ބުނެފައިވާއިރު ކޮވިޑާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވެންޓިލޭޓަރު އެތެރެކުރި މައްސަލަ ފާހަގަކޮށްލެވެއެވެ. އެ މައްސަލަ ފެންމަތިވެގެން ދިޔައީ ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުށައެޅި މައްސަލައަކާއި ގުޅިގެން އެކުލަވާލެވުނު އޮޑިޓް ރިޕޯޓަކުންނެވެ.