ކުއްލި ހާލަތްތަކުގައި ސަރުކާރުން ޚަރަދުކުރަމުންދާ ގޮތާއި ވަސީލަތްތައް ބޭނުންކުރަމުންދާ ގޮތުގެ މައުލޫމާތު ފަސޭހަކަމާއި އެކު ވަގުތުން ވަގުތަށް ލިބުން ޔަގީންކުރުމަށް މައުލޫމާތު ޝާއިއުކޮށް އެއަށް ވާސިލުވެވޭކަން ކަށަވަރުކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ގޮވާލައިފިއެވެ.
ޓްރާންސްޕޭރަންސީ މޯލްޑީވިސް އިން އެކަމަށް ގޮވާލާފައިވަނީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ނެރުނު މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) އާ ގުޅޭ ގޮތުން އެޖަމިއްޔާ އިން އާއްމުކުރި ބަޔާނުގައެވެ. ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް އިން އަހަރަކު އެއް ފަހަރު ނެރޭ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި ރާއްޖެއިން ވަނީ 14 ޕޮއިންޓުގެ ކުރިއެރުމެއް ހޯދާފައެވެ.
މިއަހަރުގެ ސީޕީއައި އިން ފާހަގަކޮށްލެވޭ މުހިންމު އެއް ކަމަކީ، ކޮރަޕްޝަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަށަގަންނަމުންދާ ގޮތާއި މިންވަރު ތަފާތު ނަމަވެސް ކޮރަޕްޝަނަކީ މިޕެންޑަމިކް އާ ދެކޮޅަށް މަސައްކަތް ކުރުމަށް މުޅި ދުނިޔެއަށް އޮތް ގޮންޖެހުމެއްކަމަށް ޓްރާންޕޭރަންސީ މޯލްޑިވްސްގެ ބަޔާނުގައިވެއެވެ. އަދި ކޮވިޑް-19 އަކީ ސިއްހީ އަދި އިގްތިސާދީ ކާރިސާއެއްގެ އިތުރުން ކޮރަޕްޝަންގެ ކާރިސާއެއް ކަންވެސް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ފާހަގަކޮށްފައިވެއެވެ.
ސީޕީއައިން ފާހަގަކޮށްފައިވާ ކަންތައްތަކަށް އަލިއަޅުވާލަމުން ޓްރާންސްޕޭރެންސީން ނެރުނު ބަޔާނުގައި ވަނީ، ކޮރަޕްޝަނަކީ ކޮވިޑް އާއި އެހެނިހެން ކާރިސާތަކާއި ދެކޮޅަށް އިންސާފުވެރި ކަމާއިއެކު މަސައްކަތް ކުރުމަށް އެޅޭ ހުރަކަށް ވާއިރު، ކުއްލި ހާލަތްތަކުގައި ކޮރަޕްޝަނާއި ދެކޮޅު، ހާމަކަން ބޮޑު ސިޔާސަތުތައް ގެންގުޅުން މުހިންމު ކަމަށެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އިން ވަނީ ހުށަހެޅުންތައް ދިވެހި ސަރުކާރަށް ހުށަހަޅާފައެވެ.
އެގޮތުން ކޮވިޑް 19ގެ ބަލިމަޑުކަމުން އަރައިގަތުމަށާއި އާއްމު ހާލަތަށް ރުޖޫއަވުމުގެ ގޮތުން ކުރާ މަސައްކަތުގައި ވަސީލަތްތައް ފޯރުކޮށްދެވެނީ އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށްތޯ ކަށަވަރުކުރުމަށް، މިނިވަން މުއައްސަސާތައް ހަރުދަނާ ކުރުމަށް އެ ޖަމިއްޔާ އިން ގޮވާލާފައިވެއެވެ. އެގޮތުން މިނިވަން މުއައްސަސާތަކާއި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެންވާ ބަޖެޓާއި ވަސީލަތްތައް އަދި ފުރިހަމަ މިނިވަންކަން ލިބެން ޖެހޭ ކަމަށް ޓްރާންޕޭރެންސީ ދެކޭ ކަމަށް އެ ޖަމިއްޔާގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން ކޮންޓްރެކްޓިންގެ އުސޫލުތަކާއި ހިލާފަށް ކުރާ ކަންތައްތައް ހުއްޓުވުމަށާއި މަސްލަހަތު ފުށު އަރާ ކަންތައްތައް ފާހަގަ ކުރުމުގެ އިތުރުން ރަނގަޅު އިންސާފުވެރި އަގުތައް ކަށަވަރުކުރުމަށްޓަކައި ހުޅުވައިލެވިފައިވާ، ހާމަކަންބޮޑު ނިޒާމެއްކަން ކަށަވަރުކުރުމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރައްޔިތުންގެ ބައިވެރިވުމަށް ބާރުއަޅައި ޑިމޮކްރަސީ ދިފާއުކުރުމާއި، ރައްޔިތުންނަށް ބޭނުންތެރި މައުލޫމާތު ދިނުމަށްވެސް ޓްރާންސްޕޭރެންސީން ގޮވައިލިއެވެ.
''ހާއްސަކޮށް ކުއްލި ހާލަތްތަކުގައި ސަރުކާރުން ހަރަދުކުރަމުންދާ ގޮތާއި ވަސީލަތްތައް ބޭނުންކުރަމުންދާ ގޮތުގެ މައުލޫމާތު ފަސޭހަކަމާއިއެކު ވަގުތުން ވަގުތަށް ލިބުން ޔަގީންކުރުމަށް މައުލޫމާތު ޝާއިއުކޮށް އެއަށް ވާސިލުވެވޭކަން ކަށަވަރުކުރުން'' ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުންޏެވެ.