ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހާއްސަ ހުއްދައާއި އެކު ފ.ނިލަންދޫއަށް ދިޔަ މީހަކު ކޮވިޑް-19 ށް ޕޮޒިޓިވްވުމާއި ގުޅިގެން 30 މީހަކު ކަރަންޓީނު ކޮށްފިއެވެ.
ނިލަންދޫއިން ޕޮޒިޓިވްވެފައިވަނީ ވޭސްޓް މެނޭޖްމަންޓު ސެންޓަރާ ބެހޭ ސަރވޭއެއް ހެދުމަށް ދިޔަ އެންވަޔަރަމެންޓް މިނިސްޓްރީގެ މުވައްޒަފެކެވެ. އޭނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ މާލެ އައުމަށްފަހު އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ރަށުގައި އެމީހުން އުޅުނީ ގައިދުރުކަން ބަހައްޓައިގެން މާސްކު އަޅައިގެންނެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މި ކޭސްއާއި ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި 30 މީހަކު ފާހަގަކޮށް 10 ގެއެއްގައި ކަރަންޓީނު ކުރެވިފައިވާ ކަމަށެވެ.
މިފަހުން އައިސް އަތޮޅު ތެރޭގެ ރަށްރަށުން ކޮވިޑުގެ ކެސްތައް ފެންނަ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ.