މާލޭގައި ދިރިއުޅޭ އާއިލާތަކުގެ ތެރެއިން ރަށްރަށަށް ބަދަލުވާން ބޭނުންވާ 500 އާއިލާއަކަށް އެހީވާން ޖެންޑަރ މިނިސްޓްރީން ޕްރޮގްރާމެއް ފަށައިފިއެވެ.
ކޮވިޑް-19 ނޭދެވޭ އަސަރުގެ ސަބަބުން މާލޭގައި ދިރިއުޅެން ދަތިވާ އާއިލާތަކުން ރަށަށް ބަދަލުވާން ބޭނުންވާނަމަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޖެންޑަރ މިނިސްޓަރު އައިޝަތު އަލި ދީދީ ވަނީ ވިދާޅުވެފައެވެ.
ޖެންޑަރ މިނިސްޓްރީން އަންދާޒާ ކުރާ ގޮތުން މި އާއިލާތަކަށް އެހީވާން 26.7 މިލިއަން ރުފިޔާ ހޭދަވާނެއެވެ.
''ޖަޒީރާ''އާ ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓާ އިބްރާޙިމް މުހައްމަދު ވިދާޅުވީ، ރަށްރަށަށް ބަދަލުވާ މީހުންނަށް އެހީވާން ޖެންޑަރ އިން އެކުލަވާލާފައިވާ އުސޫލު އަންނަ މަހުގެ ތެރޭގައި ގެޒެޓް ކުރާނެ ކަމަށެވެ. އިބްރާހިމް ވިދާޅުވީ، އެފުރުޞަތު ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅާނީ ކަމާއި ގުޅުންހުރި އެކި ވުޒާރާތަކާއި އިދާރާތައް ގުޅިގެން އެކުލަވާލާފައިވާ ކޮމިޓީއަކުން ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން ރަށަށް ބަދަލުވާ އާއިލާތަކުން ރަށުގައި ހުރި ގެދޮރު މަރާމާތު ކުރަން 20،000 ރުފިޔާ އާއި ހަމަޔަށް ލޯނު ދޫކުރަން ހަމަޖެހިފައިވާ ކަމަށާއި އެ ލޯނު ދޫކުރަނީ ތިން އަހަރު ދުވަހު ތެރޭ ދައްކާ ގޮތަށް އެއް އަހަރުގެ ގްރޭސް ޕީރިއަޑަކާއި އެކުގައި ކަމަށް ޖެންޑަރ މިނިސްޓަރީ އިން ބުނެއެވެ.
ކޮވިޑް-19 އާ ގުޅިގެން އާމްދަނީ އަށް ކުރި އަސަރާއެކު މާލޭގައި ދިރިއުޅެމުންދިޔަ ގިނަ ބަޔަކު ދަނީ ރަށަށް ބަދަލުވަމުންނެވެ.