ރާއްޖެއިން ރިޕޯޓުކުރާ ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ، ރިކަވަރީ ރޭޓް ދަށްވެއްޖެއެވެ. 

ހެލްތު މިނިސްޓްރީގެ ޑޭޝްބޯޑުން ދައްކާގޮތުގައި ރާއްޖޭގައި ކޮވިޑު ޖެހުނު 15,390 މީހުންގެ ތެރެއިން 13,917 މީހުންގެ ބަލިވަނީ ފަސޭހަވެފައެވެ. އެއާއި އެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 1,414 ށް އަރާފައެވެ. ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދުވެސް 100 ށް ވުރެ މައްޗަށް އަރާފައިވާއިރު ރިކަވަރީ ރޭޓްވަނީ 90 އިންސައްތައަށް ވެއްޓިފައެވެ. 

ރިކަވަަރީ ރޭޓް ދަަަށަށް ގޮސްފައިމިވަނީ ކޭސްތައް އިތުރުވެ، ބަލިން ފަސޭހަވާ މީހުންގެ އަދަދު މަދުވުމާއި ގުޅިގެންނެވެ. މިދިޔަ ހަފްތާގައި ބަލިން ފަސޭހަވާ މީހުންގެ ރޭޓް ހުރީ 93 އިންސައްތައިގައެވެ. އަދި މިދިޔަ ޑިސެމްބަރު މަހު މި ރޭޓް ހުރީ 95 އިންސައްތައިގައެވެ. 

ޑޭޝްބޯޑުން އިތުރަށް ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާލާއިރު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 9,676 މީހުންނަކީ ދިވެހިންނެވެ. އެއީ ރާއްޖެއިން ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ 62.87 އިންސައްތައެވެ. ބާކީ 37.13 އިންސައްތައަކީ ބިދޭސީންނެވެ.

އޭގެ ތެރެއިން 3,570 ށް ވުރެ ގިނަ މީހުންނަކީ ބަންގްލަދޭޝް ރައްޔިތުންނެވެ. އެއީ ރާއްޖެއިން ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ 23.20 އިންސައްތައެވެ. އަދި އިންޑިއާގެ 897 މީހުން ކޮވިޑަށް ޕޮޒިޓިވްވި ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާއިރު އެއީ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ 5.83 އިންސައްތައެވެ.

ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 10,429 މީހުންނަކީ ފިރިހެނުންނެވެ. އަދި ޕޮޒިޓިވްވި އަންހެނުންގެ އަދަދަކީ 4,941 އެވެ. އުމުރުފުރާތަކަށް ބަލާއިރު ރާއްޖެއިން އެންމެ ގިނައިން ޕޮޒިޓިވްވީ 30-21 އަހަރާ ދެމެދުގެ ޒުވާނުންނެވެ. އެ އުމުރުފުރާގެ 3949 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

ރިޕޯޓުކުރަމުން އަންނަ ކޭސްތައް އިތުރުވުމާއި އެކު، އެއްވުންތައް ބޭއްވުމާއި އާއްމު ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭ ގަޑިތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.