މާލޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމުން ކޯލިޝަންގެ ޕާޓްނަރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މަރުހަބާ ވިދާޅުވެއްޖެއެވެ. 

މާލެއިން ރިޕޯޓް ކުރެވޭ ކޭސްތަކުގެ އަދަދު އިތުރުވާން ފެށުމުން މައުމޫން ވަނީ މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އިއްޔެއިން ފެށިގެން އެޗްޕީއޭއިން ވަނީ މާލޭގައި އަލުން ކާފިޔު ހިންގަން ފަށައި، ކެފޭތަކާއި ރެސްޓޯރެންޓްތަކުން ހިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސްފައެވެ. 

އެޗްޕީއޭގެ ފިޔަވަޅުތަކަށް މަރުހަބާ ކިޔަމުން މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކިނަމަވެސް އެހެން ހުރިހާ ކަމަކަށްވުރެ ރައްޔިތުންގެ އާއްމު ސިއްހަތު މުހިއްމު ކަމަށެވެ. 

ފިޔަވަޅުތައް ހަރުކަށި ކޮށްފައި މިވަނީ މި ފަހަކަށް އައިސް ރިޕޯޓް ކުރެވޭ ކޭސްތަކުގެ އަދަދު 100 އިން މައްޗަށް އަރާފައި ވަނިކޮށެވެ. ކޮވިޑުގެ ހާލަތާއެކު ހަފްލާތަކާއި، ޕާޓީތަކުގެ އިތުރުން އެއްވުންތައް ބޭއްވުން މަނާކުރުމަށް ފަހު ހުއްދަ ދޭން ފެށީ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެކަމަކު އެ ހުއްދަތައް ދިނީ އެޗްޕީއޭއިން އެކަމަށް ހާއްސަ ގައިޑްލައިންތަކެއް އެކުލަވާލުމަށް ފަހުއެވެ.

ނަމަވެސް އެ ގައިޑްލައިނާއި އެއްގޮތަށް އާއްމުން އަމަލު ނުކުރާ ކަމުގެ ކަންބޮޑުވުން ސިއްހީ މާހިރުން ވަނީ ފާޅުކޮށްފައެވެ. ޕާޓީތައް ބާއްވަން ހުއްދަ ދިނުމާއެކު ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ޕާޓީއަކުން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.