ދުނިޔޭގެ އެންމެ ގަދަ ދެ ބާރު ކަމަށްވާ އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕޫޓިން ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ.
މިއީ ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ޕޫޓިންއާއެކު ބައިޑެން މަޝްވަރާކުރެއްވި ފުރަތަމަ ފަހަރެވެ. އެގޮތުން މި މަޝްވަރާތަކުގައި މިހާރު ރަޝިއާގައި އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދާ މުޒާހަރާތަކުގެ ވާހަކަ ވެސް ވަނީ ދެކެވިފައެވެ. އަދި 2016 ވަނަ އަހަރު އޮތް އެމެރިކާގެ އިންތިހާބަށް ރަޝިއާއިން ނުފޫޒު ފޯރުވުމަށް ކުރި މަސައްކަތްތަކަށް ވެސް ބައިޑެން އަލިއަޅުއްވާލެއްވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ދެގައުމުން ވެފައިވާ އެންމެ ފަހުގެ ނިއުކްލިއަރ އެއްބަސްވުން ކުރިޔަށް ގެންދިޔުމަށް ދެ ރައީސުން ވެސް ވަނީ މި ފޯނު ކޯލްގައި އެއްބަސްވެވަޑައިގެންފައެވެ.
ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތަކަށް ރަޝިއާއިން އަމަލުކޮށްފިނަމަ އެކަމަށް ރައްދު ދެއްވާނެ ކަމަށް ރައީސް ބައިޑެން ވަނީ ވިދާޅުވެފައެވެ.
ކްރެމްލިންއިން ހާމަކޮށްފައިވާ ގޮތުން ދެގައުމުގެ ގުޅުން ރަނގަޅު ވުމަކީ ދެ ގައުމަށާއި މުޅި ދުނިޔެއަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ޕޫޓިން ވަނީ ވިދާޅުވެފައެވެ.