ހުޅަނގު ކެމަރޫންގެ ސަރަހައްދަކުން ދަތުރުކުރަމުންދިޔަ ބަހަކާއި ޓްރަކެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 53 މީހަކު މަރުވެއްޖެއެވެ.
މި ދެ އުޅަނދު ޖެހުމާއެކު ދެ އުޅަނދު ވެސް ގޮވިއިރު އިތުރު 29 މީހަކަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު ވަނީ ހާމަކޮށްފައެވެ. މި މީހުންގެ ގައިގެ އެކި ތަންތަން ފިހިފައިވާއިރު ކައިރި ހޮސްޕިޓަލްތަކުގައި އަންނަނީ މި މީހުންނަށް ފަރުވާ ދެމުންނެވެ. މި ބަހުގައި ގާތްގަނޑަކަށް 70 މީހުން ދިޔައީ ދަތުރުކުރަމުންނެވެ.
ކެމަރޫންގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ތެޔޮ ބަރުކޮށްގެންދިޔަ އުޅަނދަކީ ގަވާއިދާއި ޚިލާފަށް ތެޔޮ އުފުލަމުން ދިޔަ އުޅަނދެކެވެ. އަދި ސްޕީޑް ލިމިޓަށް ވުރެ ބާރަށް އެ އުޅަނދު ދުއްވަމުން ދިޔަކަން ވަނީ ފާހަގަކުރެވިފައެވެ.
މި ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތައް ދެނެގަތުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. އެގޮތުން އެފަރާތްތައް ދެނެގަނެވޭ ވަރަށް ވުރެ ބޮޑަށް އަނދާފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެއެވެ.
މަގުމަތީގައި އެކްސިޑެންޓް ހިނގުމަކީ ކެމަރޫންގައި އާއްމު ކަމެކެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް އެގައުމުގައި ހިނގި އެކްސިޑެންޓެއްގައި 37 މީހަކު މަރުވެފައިވެއެވެ.