ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާއާއި އެސްޓްރަޒެނެކާ ގުޅިގެން އުފައްދާ "ކޮވިޝީލްޑް" ވެކްސިންގެ 3 މިލިއަން ޑޯޒް ސައުދީ އަރަބިއާއަށް ފޯރުކޮށްދޭން ނިންމައިފިއެވެ.
ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، ސައުދީ އަރަބިއާއަށް ވެކްސިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެސްޓްރަޒެނެކާގެ އެދުމަކަށެވެ. އެގޮތުން، 5.25 އެމެރިކާ ޑޮލަރުގެ ރޭޓުގައި 3 މިލިއަން ޑޯޒް މި ހަފްތާގެ ތެރޭގައި ނުވަތަ ކުރިއަށް އޮތް 10 ދުވަސް ތެރޭގައި ސައުދީ އަރަބިއާއަށް ފޯރުކޮށްދެވޭނަކަމަށް ސީރަމް އިންސްޓްޓިއުޓްއިން ވަނީ ހާމަކޮށްފައެވެ.
ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނި ސީރަމް އިންސްޓްޓިއުޓްއިން "ކޮވިޝީލްޑް" ވެކްސިން އުފައްދަނީ އެސްޓްރަޒެނެކާގެ އިތުރުން ގޭޓްސް ފައުންޑޭޝަނާއި، ގަވި ވެކްސިން އެލައަންސް ގުޅިގެންނެވެ. މިއީ ފަގީރު ގައުމްތަކަށް އަވަހަށް ވެކްސިން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކުރަމުންއަންނަ ކަމެކެވެ. އެގޮތުން، ސައުތު އެފްރިކާއަށްވެސް 5.25 އެމެރިކާ ޑޮލަރުގެ ރޭޓުގައި 1.5 މިލިއަން ވެކްސިން ޑޯޒް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ސީރަމް އިންސްޓްޓިއުޓް އޮފް އިންޑިއާ އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިންއަކީ ދިވެހިރާއްޖެއަށްވެސް އިންޑިއާގެ ހިލޭ އެހީގެ ދަށުން ގެނައި ވެކްސިނެވެ. މި ވެކްސިން ދިވެހިރާއްޖޭގައި ދޭން ފަށާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެޕްރޫވަލް ލިބުމުން ކަމަށް އެޗްއީއޯސީއިންވަނީ ހާމަކޮށްފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މި ވެކްސިންގެ އެޕްރޫވަލް ދޭނެކަމަށް ލަފާކުރެވެނީ އަންނަ ފެބްރުއަރީ މަހުގެ މެދުތެރޭގައެވެ. އެހެންނަމަވެސް، ބައެއް ގައުމްތަކުން ވަނީ އެ ގައުމްތަކުގެ ސިއްހީ އިދާރާތަކުގެ ހުއްދައާއެކު މި ވެކްސިން ދިނުމަށް ފަށާފައެވެ.