ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމާއި ގުޅޭގޮތުން ޖަރުމަނުގެ އިންވެސްޓަރުންނަށް މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަނެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމެންޓުން ބާއްވައިފިއެވެ.
'ފެޑެރަލް އެސޯސިއޭޝަން ފޮރ އިކޮނޮމިކް ޑިވޮލަޕްމެންޓް އެންޑް ފޮރިން ޓްރޭޑް' އާއި ޖަރުމަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ގުޅިގެން ބޭއްވެވި 'އިންވެސްޓިންގ އިން މޯލްޑިވްސް - ބަރލިން ވެބިނަރ ޕްރޮގްރާމް'ގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލަޕްމެންޓް ފައްޔާޒް އިސްމާއިލްވެސް ބައިވެރިވެވަޑައިގެން އިންވެސްޓަރުންނަށް މައުލޫމާތު ދެއްވާފައިވެއެވެ.
މިނިސްޓަރގެ ވާހަކަކޮޅުގައި، ރާއްޖެއާއި ޖަރުމަނާއި ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްވެސް ބޭނުންފުޅުވާކަން ފާހަގަކުރެއްވިއެވެ. އަދި، ރާއްޖޭގައި އިންވެސްޓަރުންނަށް ހުޅުވާލެވިފައިވާ ފުރުސަތުތައް އިތުރުކުރުމަށް ސަރުކާރުން ބަހައްޓަވާ ސަމާލުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެގޮތުން، ފަތުރުވެރިކަމުގެ ސިނާއަތް، އިޔާދަ ކުރުވަނިވި ހަކަތައިގެ ސިނާއަތް، އަދި ފައިނޭންސިންގ ސަރވިސަސްތައް ފުޅާކޮށް އިންވެސްޓްމެންޓްގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުންވެސް، ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ލިބުނު ގެއްލުމުން އަރައިގަނެ، ބައިނަލްއަގްވާމީ ޕާރޓްނަރުންނާއި ގުޅިގެން އިގްތިސާދު ހަމަމަގަށް އެޅުވުމަށް މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއަދު ވަރޗުއަލްކޮށް ބޭއްވެވި މި ބައްދަލުވުމުގައި މިނިސްޓަރާއި، ޖަރުމަނުގެ ބައެއް އިންވެސްޓަރުންގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް އިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.