އިންޑިއާއިން ރާއްޖެ އަށް ގެނައި ''ކޮވިޝީލްޑް'' ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން އެދި އިދިކޮޅު ފަރާތްތަކުން މާލޭގެ އެކި ސަރަހައްދުތަކުގައި ކުރަމުންދިޔަ މުޒާހަރާގެ ތެރެއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހައްޔަރުކޮށްފިއެވެ.

ޕީޕީއެމް/ޕީއެންސީން މާލޭގައި ކުރަމުންދާ އިހްތިޖާޖުގެ ތިންވަނަ ދުވަހު، މިއަދު އެންމެ ފުރަތަމަ އެއްވީ ހެލްތް މިނިސްޓްރީ ކައިރިއަށެވެ. އިދިކޮޅުގެ ލީޑަޝިޕްގެ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވާ ގޮތަށް މުޒާހަރާގެ ބައިވެރިން އެ މިނިސްޓްރީ ދޮށަށް އެއްވެ ހެލްތް މިނިސްޓަރާ ބައްދަލުކުރަން އެދުނެވެ. އެކަން ނާކާމިޔާބުވުމުން އިދިކޮޅުން ވަނީ ހެލްތް އެމެޖެންސީ އޮަޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ކުރިމަތީގައި އެއްވެ އަޑުއުފުލާފައެވެ. މައުލޫމާތު ލިބޭ ގޮތުން، އަބްދުއްރަހީމްއާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހައްޔަރުކޮށްފައިވަނީ މިތަނުންނެވެ.

މިދިޔަ ހޯމަ ދުވަހު އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިންވެސް އަބްދުއްރަހީމް ހައްޔަރުކޮށްފައިވެއެވެ. އެހެންނަމަވެސް، އެފަހަރުވެސް ހައްޔަރަށް ނުގެންގޮސް ވަނީ ދޫކޮށްލާފައެވެ.

މިއަދުގެ މުޒާހަރާގެ ބައިވެރިން ބުނަމުން ދަނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަ ދޫކޮށްފައިވާ ވެކްސިނެއް ނޫން ކަމަށެވެ. އަދި އެ ވެކްސިން އެއްވެސް ބައެއްގެ ގަޔަށް ޖަހަން ފުރުސަތު ނުދޭނެ ކަމަށް ދަނީ ގޮވާލަމުންނެވެ. ބައެއް ގައުމްތަކުން ވަނީ އެ ގައުމްތަކުގެ ސިއްހީ އިދާރާތަކުގެ ހުއްދައާއެކު މި ވެކްސިން ރައްޔިތުންނަށް ޖަހަން ފަށާފައެވެ. އެހެންނަމަވެސް، ރާއްޖޭގައި ވެކްސިން ޖަހާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހުއްދަ ލިބުމުންކަމަށް އެޗްއީއޯސީއިން ވަނީ ހާމަކޮށްފައެވެ.

ޕީޕީއެމް/ޕީއެންސީގެ މުޒާހަރާތައް ފަށާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ދަމަހައްޓަން ހައިކޯޓުން ކުރި ހުކުމާއިއެކުއެވެ. ހައި ކޯޓުގެ އެ ނިންމުން ބަލައި ނުގަނެ ގަރާރެއް ފާސްކޮށް މާލޭގެ އެކި ސަަރަހައްދުތަކުގައި އިދިކޮޅު ކޯލީޝަނުން ދަނީ މުޒާހަރާތަތައް ބާއްވަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.