ކެފޭ، ސައިހޮޓާ، ރެސްޓޯރެންޓު ފަދަ ތަންތަނުގެ ޚިދުމަތް ދެވޭނީ ރޭގަނޑު 11:30 ވަންދެން ކަމަށް އިކޮނޮމިން މިނިސްޓްރީން ހަމަޖައްސައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ، ބުދަ ދުވަހުން ފެށިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ކަމަށެވެ.
ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން ވާނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެއެވެ. އެ މިނިސްޓްރީން މި މަހުގެ 24 ދުވަހު ވަނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން 1:00 ވަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށް ކަނޑައަޅާފައެވެ.
ކޮވިޑްގެ ކޭސްތައް އަނެއްކާވެސް އިތުރުވުމާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށް، ރޭގަނޑު 12 އިން ފެށިގެން 4 އަކާއި ދެމެދު ބޭރަށް ނިކުތުން ވަނީ ސަރުކާރުން މިހާރު މަނާކޮށްފައެވެ.