ރާއްޖެޓީވީގެ ޕްރޮގްރާމެއްގެ ޝޫޓިންގ އަށް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އުޅަނދުތަކެއް ދޫކޮށްފައިވަނީ އިޖުތިމާއި ހިދުމަތެއްގެ ގޮތުގައި ކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ. 

ކުރިއަށް އޮތް ރަމަޟާން މަހު ރާއްޖެޓީވީން ދައްކަން ހަމަޖެހިފައިވާ ''ސެލެބްރިޓީ ރޭސް'' ޝޯވގެ ޝޫޓިންގ އަށް އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ލޭންޑިން ކްރާފްޓް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ އުޅަނދުތަކެއް ދޫކޮށްފައިވާތީ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

އެ އުޅަނދުތައް ދޫކުރި ގޮތުގެ ތަފްސީލު ދިނުމަށް އެމްއެންޑީއެފްގެ ވައިބާ ގްރޫޕްގައި ސުވާލު ކުރުމުން، އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ ޖެނެރަލް އިބްރާހިމް އާޒިމް ވިދާޅުވީ، ސިފައިންގެ އޮޕަރޭޝަންތަކަށް ދަތިނުވާނެ ގޮތެއްގެ މަތިން ލިބެން ހުރި ވަސީލަތްތައް، އާންމު ރައްޔިތުންނާއި، ވަކިވަކި ފަރުދުންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި މީޑިއާތަކާއި ކުންފުނިތަކާއި ކައުންސިލްތަކުން އަދި ސުކޫލް މަދަރުސާތަކުން އިންތިޒާމްކުރާ ހަރަކާތްތަކަށް ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި އެއީ އިޖުތިމާއީ ހިދުމަތެއްގެ ގޮތުގައި ދެކިގެން މީގެ ކުރިންވެސް އެމްއެންޑީއެފް އިން އަމަލު ކުރަމުންދާ އުސޫލެއް ކަމަށާއި، ރާއްޖެޓީވީ އަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެ އުސޫލުގެ ތެރެއިން ކަމަށް އާޒިމް ވިދާޅުވި އެވެ.

''މިއީ ރައްޔިތުންނާއި ދިވެހި އަސްކަރިއްޔާއާ ދެމެދު އޮންނަ ބަދަހި ގުޅުމާއި އިތުބާރު، އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގެ މާތް މަޤްޞަދުގައި ޒަމާނުންސުރެ، ސިފައިން ފޯރުކޮށްދެމުންދާ އިޖްތިމާއި ހިދުމަތެއް'' އާޒިމް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.