ހެލްތު މިނިސްޓްރީން ބާއްވާ އެކިއެކި އިވެންޓުތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދޭން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފިއެވެ.
މީޑިއާ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ހެލްތުން މީޑިއާތަކަށް ދަޢުވަތު ދިނުމާއި އެކިއެކި މީޑިއާތަކާއި މެދުތަފާތުކުރުން ގެންގުޅޭ ކަމުގެ ޝަކުވާ މިކައުންސިލަށް ލިބެމުންދާތީ އެކަން ހައްލުކުރުމަށް އެ މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެންގޮސްފައިވާ ކަމަށެވެ.
އެމްއެމްސީން ބުނީ، ހެލްތުގެ ފަރާތުން މި މަހުގެ 24 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސަށް ބައެއް ނޫސްތަކަށް ދަޢުވަތު ލިބިފައި ނުވާކަމުގެ ޝަކުވާއާއި، މިނިސްޓްރީގެ ވައިބާ ގްރޫޕްގައި ނޫސްވެރިން ކުރާ އެކިއެކި ސުވާލުތަކަށް ޖަވާބު ނުލިބޭކަމުގެ ޝަކުވާވެސް ކައުންސިލަށް ލިބިފައިވާ ކަމަށެވެ.
އަދި އެ ކަންތައްތަކަށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ދައުރުގައިވެސް ހައްލެއް ލިބިފައި ނެތުމާއެކު އެކަމުގެ ކަންބޮޑުވުންވެސް ނޫސްވެރިން ފާހަގަކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.
''އެހެންކަމުން، މިކަންކަމަށް ހައްލު ހޯދުމަށްޓަކައި ހެލްތު މިނިސްޓަރާ އެކު މަޝްވަރާ ބައްދަލުވުމެއް ހަމަޖައްސަވައިދެއްވުމަށްވެސް މި ކައުންސިލުން މިހާރުވަނީ އެދިފައި. އާންމުކޮށް މައުލޫމާތު ފޯރުކޮށްދިނުމުގެ މިނިވަންކަމަށާއި ރައްޔިތުންނަށް ކަންކަން އެނގުމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ސިޔާސީ، ނުވަތަ ގާނޫނީ، ނުވަތަ ވިޔަފާރީގެ ނުވަތަ އިގްތިސާދީގޮ ތުން އެޅޭ ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެކަންކަން ދިރާސާކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް އެކަންކަން އިސްލާޙުކުރުމަކީ މި ކައުންސިލުގެ ޤާނޫނީ މަސްއޫލިއްޔަތެއް'' އެމްއެމްސީގެ ބަޔާނުގައި ބުންޏެވެ.
ހުރިހާ މީޑިއާތަކަށް ހަމަހަމަ އުސޫލެއްގެ މަތިން މައުލޫމާތު ފޯރުކޮށްދޭން އެމްއެމްސީން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.