ޗައިނާއާ ދިވެހިރާއްޖެއާ ދެމެދު ގިނަ ދާއިރާތަކަކުން ގުޅުން ވަރުގަދަ ކުރުމާއި ގުޅޭގޮތުން ދެ ގައުމުގެ ޚާރިޖީ ވުޒާރާތަކުން މަޝްވަރާކޮށްފިއެވެ.

މިއީ ދެ ގައުމުގެ ޚާރިޖީ ވުޒާރާއިން ބޭއްވެވި މިފަދަ 7 ވަނަ ބައްދަލުވުމެވެ. ވަރޗުއަލްކޮށް ބޭއްވެވި މި ބައްދަލުވުމުގައު ކޮވިޑް-19 ހުއްޓުވުމަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކާއި، އިގްތިސާދު ހަމަމަގަށް އެޅުވުމަށް ކުރަންޖެހިފައިވާ މަސައްކަތްތަކާއި، ލޯނުތައް ފަސްކޮށްދިނުމުގެ އިތުރުން، ޗައިނާއާ ރާއްޖެއާ ދެމެދު ޓޫރިޒަމް އަލުން ފެށުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ ސްޓޭޓް މިނިސްޓަރ އަހްމަދު ހަލީލްވަނީ ވަން-ޗައިނާ ޕޮލިސީއަށް ރާއްޖެއިން ތާއީދުކުރާކަން ތަކުރާކުރައްވާފައެވެ. އަދި، ޗައިނާގެ ސަރުކާރުންނާއި އެ ގައުމުގެ ކުންފުނިތަކުން ކޮވިޑް-19ގެ މި ދަނޑިވަޅުގައި ދިވެހިރައްޖެއަށް ވެދެއްވަމުން ގެންދަވާ އެހީފާހަގަކޮށް އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުންވެސް، ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ޗައިނާގެ ބޯޑަރުތައް ހުޅުވާލުމުން ޓޫރިޒަމް ކުރިއަށް ގެންދާނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާނެކަމަށް ވިދާޅުވިއެވެ.

ޗައިނާގެ ފަރާތުން މި ރަސްމިއްޔާތުގައި އެންމެ އިސް އޮފިޝަލަކަށް ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ ވައިސް މިނިސްޓަރ ލޯ ޒައުހުއި އެވެ. މި ބައްދަލުވުމުގައި ޗައިނާއިން ވަނީ ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ހުއްޓުމެއްނެތި ކުރިއަށް ދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ދިވެހިރާއްޖެއާއި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ޗައިނާއިން ބޭނުންވާކަމަށާއި ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެއިން ޗައިނާއަށް ދެއްވާ އެއްބާރުލުމަށް ޗައިނާގެ ފަރާތުން ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި އަހްމަދު ހަލީލްގެ އިތުރުން ބައިވެރިވެވަޑައިގެންނެވީ ޗައިނާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ، މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމިން ޖާވިދް، އެސިސްޓެންޓް ޑިރެކްޓަރ ބައްސާމާ ފާރުގް، އަދި އެސިސްޓެންޓް ޑިރެކްޓަރ ފާޠިމަތު ލިއުޝާއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.