ގެ ބަންދުގައި ހުންނެވި ޔުގަންޑާގެ އިދިކޮޅު ލީޑަރު އަދި ލަވަކިޔުންތެރިޔާ ބޮބީ ވައިން މިނިވަންކޮށްފިއެވެ.
ޖެނުއަރީ 14 ވަނަ ދުވަހު އެގައުމުގައި ބޭއްވި އިންތިހާބުގެ ފަހުން އޭނާ ހުންނެވި ގެ ބަންދުގައެވެ. އޭނާގެ ގެ ވަށައިގެން އެގައުމުގެ އަސްކަރިއްޔާއިން ދިޔައީ ހަރަކާތްތެރިވަމުންނެވެ. މި އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރު ވެސް ރައީސްގެ މަގާމުގައި ހުންނެވި ޔޮވެރީ މުސެވެނީ ކަމަށްވާއިރު އޭނާގެ ގެ ވަށައިގެން އަސްކަރިއްޔާއިން ހަރަކާތްތެރިވަމުންދިޔައީ އޭނާގެ ސަލާމަތަށް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އެހެން ނަމަވެސް އޭނާ ގެ ބަންދުގައި ހުރީ ގާނޫނާއި ޚިލާފަށް ކަމަށް ބުނެ އޭނާ މިނިވަން ކުރުމަށް އެގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. އުމުރުން 38 އަހަރުގެ ވައިން އިންތިހާބާއި ކުރިމަތިލީ ގިނަ ޒުވާނުންތަކެއްގެ ތާއިދާއެކު ރައީސް މުސެވެނީގެ 34 އަހަރުވީ ވެރިކަން ނިމުމަކަށް ގެނައުމަށެވެ. އެހެން ނަމަވެސް އެ އިންތިހާވު 59 އިންސައްތަ ވޯޓާއެކު ކާމިޔާބު ކުރެއްވީ މުސެވެނީއެވެ. ބޮބީ ވައިންއަށް ލިބިވަޑައިގަތީ 35 އިންސައްތަ ކަމަށްވާއިރު މަކަރު ހެދުމުގެ ތުހުމަތުތަކާއެކު އިދިކޮޅުން ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދާފައެވެ.
އޭނާއާ ތާއިދުކޮށް ކެމްޕޭން ކޮށްދިން ކެމްޕޭން ޓީމުގެ ގިނަ އަދަދެއްގެ މެމްބަރުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ފާއިތުވެދިޔަ މަސްތަކުގެ ތެރޭގައި ހައްޔަރުކޮށްފައިވެއެވެ.