ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަން އިން މާލެއާއި އިންޑިއާގެ ކޮޗިނާއި ދެމެދު ސީދާ ދަތުރުތައް ބާއްވަން ނިންމައިފިއެވެ.
އެ ކުންފުނިން މިއަދު ހާމަކޮށްފައިވާ ގޮތުގައި، އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިންޑިއާގެ ކޮޗިނާއި މާލެއާ ދެމެދު ދަތުރުތައް ފަށާނެއެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު 3 ދުވަހުއެވެ. އެއީ، ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.
ބެގޭޖް އެލެވަންސްގެ ގޮތުގައި 30 ކިލޯ ލިބޭނެކަމަށްވެސް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ. މޯލްޑިވިއަން އިން މިހާރުވެސް އަންނަނީ ހަނިމާދޫ އާއި ކޮޗިނާއި ދެމެދު ދަތުރުތައް ބާއްވަމުންނެވެ.
ކޮވިޑް-19ގެ ސަބަބުން ގައުމްތަކުގެ ބޯޑަރުތައް ބަންދުކުރުމާއެކު ދަތުރުފަތުރު ކުރުމަށް ބުރޫއެރިނަމަވެސް، ރާއްޖެއިން ބޭސްފަރުވާއަށް ކޮޗިނަށް ދާ މީހުންގެ އަދަދު އަދިވެސް ވަރަށް ގިނައެވެ. އިންޑިއާއިން އަންނަނީ ރާއްޖެއަށް ބޭސްފަރުވާއަށް ދިޔުމަށް ވިސާ ދޫކުރަމުންނެވެ.