ދުވާލެއްގެ މައްޗަށް 1.5 މިލިއަން ޑޯޒްގެ ވެކްސިން ދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކު އެއް މިލިއަން ޑޯޒްގެ ވެކްސިން ޖެހިގެންދާނެ ކަމުގެ ވައުދާއެކުއެވެ. ބައެއް މީޑިއާތަކުން ވަނީ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވެރިކަމުން ފައިބައިވަޑައިގެންނެވިއިރު ވެސް އެ އަމާޒަށް ވާސިލްވެފައިވާ ކަމަށް ބުނެ ބައިޑެންއަށް ފާޑުކިޔާފައެވެ.
ރައީސް ކަމުގެ ހުވާ ކުރެއްވި ފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ބައިޑެން ވަނީ އެ އަމާޒު މިހާރު 1.5 މިލިއަން ޑޯޒަށް ބަދަލުވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ވެކްސިން ޕްރޮގްރާމް ފެށިގެން ދިޔުމާއެކު 1.5 މިލިއަން ޑޯޒް ކޮންމެ ދުވަހަކު ވެސް ދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ޓްރަމްޕްގެ ސަރުކާރުގެ އެންމެފަހު ހަފްތާގައި އެވެރުޖުކޮށް ދުވާލެއްގެ މައްޗަށް 980،000 ޑޯޒްގެ ވެކްސިން އެމެރިކާގައި ދީފައިވެއެވެ. އެމެރިކާގައި ކޮވިޑް ކޮންޓްރޯލް ކުރެވިފައިނުވާއިރު އެކަމަށް އިޝާރާތް ކުރައްވައި ބައިޑެން ވިދާޅުވީ ކުރިޔަށް އޮތް ހޫނު މޫސުމާއި ފިނި މޫސުމުގައި ވެސް ވައިރަސްއާ ދެކޮޅަށް މަސައްކަތްކުރަންޖެހޭނެ ކަމަށާއި އެހެން ނަމަވެސް ވައިރަސްގެ މައްޗަށް ކުރި ހޯދޭނެ ކަމަށެވެ.
މުޅި ދުނިޔެއިން ވެސް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ އެމެރިކާއިން ކަމަށްވާއިރު އެގައުމުން 25 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހި 420،000 މީހުން މި ބަލީގައި މަރުވެފައިވެއެވެ.