ސޭފަރ އިންޓަނެޓު ދުވަހާއި ގުޅުވައިގެން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ހާއްސަ ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މި މަހުގެ 25 ވަނަ ދުވަހު އެ މިނިސްޓްރީއިން އިއުލާންކޮށްފައިވާ ކުރެހުމުގެ މުބާރާތަކީ ކުޑަކުދިންނަށް ހާއްސަކޮށްގެން ހުޅުވާލެވިފައިވާ މުބާރާތެކެވެ. މި މުބާރާތާއި ގުޅިގެން "ޖަޒީރާ"އަށް މައުލޫމާތު ދެއްވަމުން ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހް ވިދާޅުވީ، މިއީ މި މުބާރާތުގެ ޒަރީއާއިން އިންޓަނެޓް ސޭފް މިންވަރު ކުދިންނަށް އެނގޭ މިންވަރު ވަޒަންކުރުމުގެ ގޮތުން ހުޅުވާލި މުބާރާތެއްކަމަށެވެ. އަދި، ކުރެހުމުގައި ކުދިން މަޝްއޫލުވެގެން އުޅޭ ވަގުތުވެސް އިންޓަރނެޓްގެ ރައްކާތެރިކަމާއި މެދު ވިސްނަން ފުރުސަތު ލިބޭނެކަމަށް ސޯލިހް ވިދާޅުވިއެވެ.

މި މުބާރާތް ހުޅުވާލެވިފައިވަނީ 3 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 7 އަހަރުން ދަށުގެ އުމުރުފުރާއާއި، 7 އަހަރާއި 11 އަހަރާއި ދެމެދުގެ އުމުރުފުރާއާއި، 12 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާއެވެ. އަލީ ސޯލިހު ވިދާޅުވީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެއްބާރުލުމާއެކު ހުޅުވާލެވުނު މި މުބާރާތުގައި ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި ކުއްޖަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން، ފެބަރުއަރީ މަހުގެ 4 ވަނަ ދުވަހުގެ 16:00ގެ ކުރިން ކުރެހުމުގެ ފޮޓޯއެއް ނެންގެވުމަށްފަހު މިނިސްޓްރީއިން ހުޅުވާލާފައިވާ އޮންލައިން ފޯމް މެދުވެރިކޮށް ކޮންމެ ކުއްޖަކަށްވެސް ހުށަހަޅުއްވޭނެއެވެ.

މި ކުދިންގެ ތެރެއިން ކޮންމެ އުމުރުފުރާއަކުން 1ވަނަ، 2ވަނަ އަދި 3ވަނަ ހޮވުމަށް ނިންމާފައިވާއިރު، މިވަނަތައް އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ ސޭފަރ އިންޓަރނެޓް ދުވަހާއި ގުޅުވައިގެން ބާއްވާ ރަސްމިއްޔާތުގައެވެ. ކުރެހުމުގެ މުބާރާތުގެ އިތުރުން ބައެއް އެހެން ހަރަކާތްތައްވެސް ބޭއްވުމަށް ކޮމިއުނިކޭޝަންސް މިނިސްޓްރީއިން އަންނަަނީ ތައްޔާރުވަމުންނެވެ. 

އެގޮތުން، ސޭފަރ އިންޓަރނެޓް ދުވަހުގެ ރަސްމިއްޔާތުގައި އިންޓަރނެޓްގެ ރައްކާތެރިކަމާއިމެދު ހޭލުންތެރި ކުރުވުމަށް މާލޭގެ ސްކޫލްތަކުން އެމްބެސެޑަރުންތަކެއް ހޮވުމަށްވެސް ވަނީ ނިންމާފައެވެ. ސޯލިހު ވިދާޅުވީ، 12 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ހަރަކާތުގެ ދަށުން އެމްބެސެޑަރުން ތަމްރީން ކުރުމުގެ މަސައްކަތް މި މަހުގެ 28 ވަނަ ދުވަހު ފަށާނެކަމަށެވެ. މާލޭގެ ހުރިހާ ސްކޫލަކުން ކުދިން ތަމްރީން ކުރުމަށް ހަމަޖެހިފައިވާއިރު، މި ކުދިން ފޮނުވުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުންނެވެ. މުސްތަގްބަލުގައި ރާއްޖޭގެ އެހެން ސްކޫލްތައްވެސް މި ހަރަކާތުގައި ބައިވެރިކުރުމަކީ މިނިސްޓްރީގެ އަމާޒެއްކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.

މީގެއިތުރުންވެސް، އިންޓަރނެޓުން ކުދިން ނުރަނގަޅު މަގަށް ދިޔުން ހުއްޓުވުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއްކަމަށާއި މިއަދު އެކަމުގެ ޒިންމާ ނަގަންތިއްބެވި ފަރާތްތަކުން އިހުމާލު ވެއްޖެނަމަ އަދާކުރަންޖެހޭ އަގު މާ ބޮޑުވާނެކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ. 

"މިއަދު މަސައްކަތް މި ފަށަނީ ތުއްތު ކުދިން ނުރައްކަލަށް ހުށަހެޅުމުން ރައްކާތެރިކުރުމަށް ދައްކަން ޖެހޭ ވާހަކަ ދައްކަން." އަލީ ސޯލިހު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.