އިޓަލީގެ ބޮޑުވަޒީރު ޖިސިއްޕޭ ކޮންޓޭ އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވިއިރު ކޮވިޑް 19 އާ ދެކޮޅަށް އެމަނިކުފާނުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. 

މިދިޔަ ހަފްތާގެ ތެރޭގައި އެގައުމުގެ ސެނެޓުގެ މެޖޯރިޓީ އެމަނިކުފާނަށް ގެއްލުނުއިރު އައު ސަރުކާރެއް އެކުލަވާލައި ކޯލިޝަން ވެރިކަމެއް އަލުން ފެށުމަށް އެމަނިކުފާނަށް ފުރުސަތު ލިބޭނެ ކަމާމެދު ޝައްކުތަކެއް ވަނީ އުފެދިފައެވެ. ކޮންޓޭ ވަނީ އެގައުމުގެ ރައީސް ސާޖިއޯ މަޓަރެއްލާއާ ބައްދަލުކުރައްވާފައެވެ. އައު ސަރުކާރެއް އެކުލަވާލުމަށް ކޮންޓޭގެ އަރިހުން މަޓަރެއްލާ އެދިވަޑައިގެންފައިނުވާއިރު އެހެން މީހަކު ވެސް އަލުން ބޮޑުވަޒީރުގެ މަގާމަށް އައުން އެކަށީގެންވެއެވެ. އަދި އަވަސް އިންތިހާބަކަށް ގޮވާލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. 

ކޮންޓޭ ވަނީ 2018 ވަނަ އަހަރުން ފެށިގެން ދެ ފަހަރެއްގެ މަތިން ކޯލިޝަން ސަރުކާރުތަކެއްގައި ބޮޑުވަޒީރުކަން ކުރައްވާފައެވެ. ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގައި ނެގި ކޮންޓޭގެ އިތުބާރު ނެތްކަމުގެ ވޯޓުން އެމަނިކުފާނު ސަލާމަތްވެވަޑައިގެންނެވިއިރު ސެނެޓުގައި ނެގި ވޯޓު ވެސް ކާމިޔާބު ކުރެއްވިއެވެ. އެހެން ނަމަވެސް ފުރިހަމަ އަގްލަބިއްޔަތެއް ލިބިވަޑައިގެންފައެއް ނުވެއެވެ. 

ބޮޑުވަޒީރުގެ މަގާމުން ކޮންޓޭ އިސްތިއުފާ ދެއްވާފައިވާއިރު މި ހަފްތާގެ ތެރޭގައި އެގައުމުގެ ޖުޑީޝިއަރީ އިސްލާހުކުރުމުގެ މުހިންމު ވޯޓުތަކެއް ގާނޫނު ހަދާ މަޖިލީހުގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ވޯޓު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ކޯލިޝަނަށް ނިސްބަތްވެވަޑައިގަންވާ މެމްބަރުން ވަނީ ވިދާޅުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.