ނޫސް ކޮންފަރެންސް ތަކުގައި ބްރޯޑްކާސްޓަރުންނަށް ހަމަހަމަ ފުރުސަތު ދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ގޮވާލައިފިއެވެ.
މިގޮތަށް އެ ކޮމިޝަނުން ގޮވާލާފައިވަނީ މިއަދު ނެރުނު ހާއްސަ ސަރކިއުލާއެއްގައެވެ. އެގޮތުން، ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، ޤާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ހައްގެއްކަމަށް ބްރޯޑްކޮމް އިން ވަނީ ފާހަގަކޮށްފައެވެ. އަދި އެއީ ޑިމޮކްރަސީއެއްގެ ވެސް އެންމެ މުހިންމު އެއް އަސާސްކަމަށާއި ދައުލަތާއި ސަރުކާރުގެ އިދާރާތަކުން އެކަމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ.
ދައުލަތާއި ސަރުކާރުގެ އިދާރާތަކުން ބާއްވާ ޕްރެސް ކޮންފަރެންސްތަކާއި އެހެނިހެން ހަރަކާތްތައް ކަވަރުކުރުމުގައި ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދީ، އެކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ އެންމެހާ އިދާރާތަކުން މަސައްކަތް ކުރުމަށް ބްރޯޑްކޮމް އިން ވަނީ އިލްތިމާސްކޮށްފައެވެ.
އާންމު ރައްޔިތުންނަށް ސައްޙަ މަޢުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކުރުމަށް ބްރޯޑްކާސްޓަރުންނާއި ނޫސްވެރިން ކުރަމުންދާ މަސައްކަތްތަކާއި އަދި ދައުލަތާއި ސަރުކާރުގެ އިދާރާތަކުން ދެއްވާ އެއްބާރުލެއްވުންވެސް ބްރޯޑްކޮމް އިން ވަނީ ފާހަގަކޮށް އެކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.