އޭޕްރިލް މަހުގެ 10 ވަނަ ދުވަހަކީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބާއްވާ ތާރީހުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބުގެ މަސައްކަތްތައް ރަސްމީކޮށް ފެށުމަށް ނިންމާފައިވަނީ 29 ޖެނުއަރީގައި ކަމަށެވެ.
ދާާދިފަހުން ކައުންސިލް އިންތިހާބާއި ގުޅޭ ގާނޫނަށް ގެނެވުނު އިސްލާހުގައި ވާގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބޭއްވި ނަމަވެސް، އެ އިންތިހާބު ބޭއްވޭނީ ހެލްތު ޕްްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެކުލަވާލާ ގައިޑްލައިނާއި އެއްގޮތަށެވެ. ޝަރީފް ވިދާޅުވީ މިހާރު މި ގައިޑްލައިން އެކުލަވާލުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ގެޒެޓް ކުރުމުގެ މަސައްކަތް ކަމަށެވެ.
ޤާނޫނަށް ގެނެވުނު އިސްލާހާއެކުވެސް މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަންޖެހެ އެވެ. ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ސަބަބާއެކު އޭގެ 30 ދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހޭނެއެވެ.