ރިޕޯޓް

ތިމަރަފުށީގެ ހަރުކަށި ފިކުރު މައްސަލަ: އެންމެންނަށް އެނގޭ ބޮޑު ސިއްރެއް!؟

މިއަދު ޙަބަރުތަކުގެ ހެޑްލައިންތަކުން މުޅިންވެސް ފެންނަނީ ތ. ތިމަރަފުށީގައި ބަޔަކު ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތްކޮށް، އެތައް ބައެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލުމަށް މަސައްކަތް ކުރިކަމުގެ ވާހަކަތަކެވެ. ފުލުހުން ނެރުނު ބަޔާނާއި އެކު އެނގިގެންދިޔަ އެއް ކަމަކީ އެ ރަށުގައި ހަރުކަށި ފިކުރު ފެތުރިފައިވާ މިންވަރެވެ.

ފުލުހުންގެ ބަޔާނާއި އެކު އުފެދުނު ސުވާލަކީ ހިޔާލަށް ވެސް ނުގެނެވޭ ޖަރީމާތައް ހިންގުމަށް މި ފިކުރަށް ތާއީދު ކުރާ ބަޔަކު ރާވަމުން ދިޔައިރު އެ ރަށުގެ އެއްވެސް ރައްޔިތަކަށް ހަމަ ރޭކާ ވެސް ނުލީބާއެވެ؟ ފުޅާ ދާއިރާއެއްގައި ކްލާސްތައް ހިންގާ، އޮންލައިން ދަރުސް ބާއްވަމުންދިޔަ އިރުވެސް ޝައްކު ނުކުރެވުނީ ބާއެވެ؟ ނުވަތަ އަޅާ ނުލާ ދޫކޮށްލީ ބާވައެވެ؟

ފުލުހުން އެ ރަށުގައި ހިންގި ތަހުގީގުން ހާމަވެގެން ދިޔަ ކަމަކީ ހަރުކަށި ފިކުރަށް މީހުން ލެންބުވުމަށް އެ ފިކުރަށް ތާއީދުކުރާ މީހުން މަސައްކަތް ކުރަމުން ދިޔަކަމެވެ. ހަރުކަށި ފިކުރު ގަބޫލުކޮށް އެ ފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ކުޑަކުދިންނަށާއި، ދަތިހާލުގައި އުޅޭ މީހުންނަށާއި، ކުށްކުރާ މީހުންގެ ތެރެއިން ފައިސާއަށް ހެއްލޭ ކުދިންނަށް އަމާޒުކޮށްގެން ފުރަތަމަ މަރުހަލާގައި ދީނީ އަޅުކަންތައް އާއްމު އުސޫލުންކުރުމަށް ބާރު އަޅައި ވާހަކަ ދައްކާ ކަމެވެ. އެމީހުންގެ އިރުޝާދާއި އެއްގޮތަށް ނަމާދުކުރަން ދާން ފެށުމުން މިސްކިތުގެ ޖަމާއަތަށް އަރަން ނުޖެހޭނެކަމަށާއި، ސަރުކާރުން ކަނޑައަޅާ އިމާމުންގެ ފަހަތުގައި ނަމާދުކުރުން ހުއްދަނުވާނެ ކަމަށްބުނެ އެފަރާތްތައް ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުވުމަށް ބާރުއަޅަމުންދާ ކަމެވެ.

'ޖަޒީރާ' އިން ހޯދި ހޯދުމުން އެގިގެންދިޔަ އެއްކަމަކީ މިގޮތަށް ވަކި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރަމުންދިޔަ މަންޒަރު އެ ރަށުގެ ބައެއް ރައްޔިތުންނަށް ފެނިފައިވެސް ވާކަމެވެ. އަދި އެ ވާހަކަތައް ރަށު ތެރޭގައި ދެކެވޭ ކަމެވެ. ރަށުގެ ބެލެނިވެރި ފަރާތް ކަމަށް ވާ ކައުންސިލްގެ ސަމާލުކަމަށް މިފަދަ ކަމެއް އައިސްފައިވޭތޯ ބެލިބެލުމުން އެނގިގެންދިޔައީ ކައުންސިލަށް ވެސް ކޮންމެވެސް ވަރަކަށް އެފަދަ ކަންކަން ފާހަގަވެފައިވާ ކަމެވެ.

ވަކިން ޖަމާއަތް ހަދައިގެން އެއްވެސް ބަޔަކު ނަމާދުކުރާކަން ފާހަގަވެފައިވޭތޯ ކައުންސިލުގެ ރައީސް އިސްމާއިލް އިބްރާހިމާއި ސުވާލު ކުރުމުން އޭނާ ވިދާޅުވީ ކޮންމެވެސް ވަރަކަށް އެފަދަ ވާހަކަތައް އަޑުއިވިފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ 'ދީނީ' ކަމަކަށް ވުމުން މާ ބޮޑު ސަމާލުކަމެއް ނުދިނީ ކަމަށެވެ. އޭނާ ވިދާޅުވީ އެ ރަށުގެ ރައްޔިތުން ހަރުކަށި ފިކުރަށް ވެއްދުމަށް ބަޔަކު މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ރަސްމީކޮށް އެނގިފައިނުވާ ކަމަށެވެ.

ފުލުހުންގެ ތަހުގީގުން ހާމަވި އަނެއް ކަމަކީ އެރަށުގައި ހަރުކަށި ފިކުރު ފެތުރުމުގެ ސަބަބުން ދަރިން މައިންބަފައިންނާ ވަކިވެ، ވަކިން އުޅެން ފަށައި، ބައެއް ފަހަރު މައިންބަފައިން ކާފަރުކޮށް، މައިންބަފައިން ގަތުލުކުރަން ޖެހޭކަމަށް އެ ބަޔަކު ދެކޭ ކަމެވެ. އަދި ޖަމާއަތަށް ނިސްބަތްވާ މީހުންނަކީ އަހުންގެ ގޮތުގައި ދެކި، ރަށުގެ އާއްމުއެހެން މީހުންނަށްވުރެ މުހިއްމު ބައެއްކަމަށް ދެކެން ފަށައި، އާއްމުންނާ އޮންނަ ގުޅުން ކުޑަވެގެން ގޮސްފައިވާ ކަމެވެ. 

ތިމަރަފުށީ ރައްޔިތެއް 'ޖަޒީރާ' އާއި ވާހަކަދައްކަމުން ބުނީ ރަށުގެ އެހެން މީހުންނާއި ވާހަކަ ނުދައްކާ، ދުރު ދުރުން އުޅޭ ބަޔަކު އެ ރަށުގައި އުޅެމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިކަން ފާހަގަވެގެން އެ ފަރާތްތަކާއި ސުވާލުވެސް ކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ. 

އެ ރަށުގައި ފުޅާ ދާއިރާއެއްގައި މިފަދަ ހަރަކާތްތަކެއް ހިންގަމުން ދިޔައިރު، އަޅާނުލާ ތިބުމަކީ ކަންބޮޑުވާކަމެކެވެ. އެ ރަށުގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިންތިޒާމުތަކުން ބޭރުން ވަކި ޖަމާޢަތް ހަދައިގެން އުޅޭ ބަޔަކު އުޅޭ ކަމަށް ރަށު ތެރޭގައި ވާހަކަދެކެވުމުން ވެސް އެކަމާ އަޅާނުލާ ތިބީއެވެ. ފެންނަނީ އިހުމާލުގެ މައްޗަށް އިހުމާލެވެ. އެންމެންނަށް އެނގޭ ބޮޑު ސިއްރު ހިފަހައްޓައިގެން ތިއްބާ ބައެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓުމުން އޭގެ ޒިންމާ ނަގާނީ ކާކުތޯއެވެ؟

0
0
0
0
0

ކޮމެންޓް

Your email address will not be published.

0 %