ތ. ތިމަރަފުށީގައި ހަރުކަށި ފިކުރުފަތުރާ، ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުކުރެވޭ 8 މީހެއް ހައްޔަރުކޮށް، އެމީހުންގެ ވަނަވަރު އާއްމުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ތިމަރަފުށިން 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ:
- އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި/ ފެހިވިދުވަރުގެ (34އ)
- އަހްސަން މުހައްމަދު، ތ. ތިމަރަފުށި/ އަސްރަފީވިލާ (32 އ)
- އަލީ މުނީޒް، ތ. ތިމަރަފުށި/ ކެނެރީގެ (28 އ )
- މުހައްމަދު އާސިރު، ތ.ތިމަރަފުށި/ އަސުރުމާގެ (34 އ)
- އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ/ ފެހިވިލާ (18 އ)
- ޝަމާހު ޝަރީފް، ތ. ތިމަރަފުށި/ ސައިމާ ( 20 އ)
- އިމްރާހިމް ލޫތު، ނ.ކުޑަފަރި/ ރޯޒްމީޑު (21 އ)
- އަބްދުﷲ އިމާދު، ރ. މަޑުއްވަރި/ ބީޗްހައުސް (29 އ)
އޯލެވެލް އިމްތިހާން ހަދަމުންދިޔަ ވަގުތާއި ދިމާކޮށް ތ. އަތޮޅު ތައުލީމީ މަރުކަޒު ގޮއްވާލަން މަސައްކަތް ކުރުމުގެ ތުހުމަތު އެމީހުންގެ މައްޗަށް ކުރެވޭއިރު ދީނުގެ ނަމުގައި ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް، ޓެރަރިޒަމަށް ހިތްވަރުދީ، ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އިރުޝާދުގެ ދަށުން ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ރާވާ ކަމުގެ ތުހުމަތު ވެސް އެމީހުންގެ މައްޗަށް ކުރެވެއެވެ.
ފުލުހުން ބުނީ އެ މީހުން ދަތުރު ދިއުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް ތަމްރީނުތައް ހަދަމުން ދިއުމާއި، ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށިފިކުރު ފެތުރުމުގެގޮތުން ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގައި، ހަރުކަށި ފިކުރުގެ ދަރުސްތައް އޮންލައިންކޮށް ވެސް ބާއްވަމުންދާ ކަމުގެ ތުހުމަތު ވެސް އެމީހުންގެ މައްޗަށް ކުރެވޭ ކަމަށެވެ. އަދި އެރަށުގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުމަށް މަސައްކަތްކޮށް، ވަކި ޖަމާއަތްހަދައިގެން ނަމާދު ކުރަމުންދިއުމާއި، ހަރުކަށި ފިކުރުގެ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލަ ވެސް އެ އިދާރާއިން ތަހުގީގު ކުރަމުންދާ ކަމަށެވެ.