ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ، ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ މީހުން ހޯދުމަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި އޯލެވެލް އިމްތިހާން ހަދަމުންދިޔަ ވަގުތާއި ދިމާކޮށް ތ. އަތޮޅު ތައުލީމީ މަރުކަޒު ގޮއްވާލަން ހަރުކަށި ފިކުރަށް ތާއީދު ކުރާ ބަޔަކު މަސައްކަތް ކުރިކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މި އޮޕަރޭޝަން ހިންގާފައިވަނީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ހޮރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި ތ. ތިމަރަފުށި / ފެހިވިދުވަރުގެ، ޢަބްދުﷲ ޝަރީފް އައްޔަންކޮށްފައިވާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއެކު ކަމަށެވެ. އަދި އެރަށުގެ ހަރުކަށި ފިކުރުގެ އިސް ފަރާތްތަކުން އޮޕަރޭޓްކުރާކަމަށް ބެލެވޭ "ނަސާޙް-3" ނަމަކަށްކިޔާ ހުއިފިލަނޑާ ނަގާ ދޯނީގައި އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) އެއް ތައްޔާރުކުރުމަށް ބޭނުންވާ އާލާތްތައް އެދޯނީގައި އައިއީޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ކަމަށެވެ.
މި މައްސަލައާއި ގުޅގެން ފުލުހުން ބުނީ ތިމަރަފުށިން 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ:
- އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި/ ފެހިވިދުވަރުގެ (34އ)
- އަހްސަން މުހައްމަދު، ތ. ތިމަރަފުށި/ އަސްރަފީވިލާ (32 އ)
- އަލީ މުނީޒް، ތ. ތިމަރަފުށި/ ކެނެރީގެ (28 އ )
- މުހައްމަދު އާސިރު، ތ.ތިމަރަފުށި/ އަސުރުމާގެ (34 އ)
- އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ/ ފެހިވިލާ (18 އ)
- ޝަމާހު ޝަރީފް، ތ. ތިމަރަފުށި/ ސައިމާ ( 20 އ)
- އިމްރާހިމް ލޫތު، ނ.ކުޑަފަރި/ ރޯޒްމީޑު (21 އ)
- އަބްދުﷲ އިމާދު، ރ. މަޑުއްވަރި/ ބީޗްހައުސް (29 އ)
ފުލުހުން ބުނީ އެ ދޯނިން ހައްޔަރުކުރި މީހަކު އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅިގެން ހަނގުރާމަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޓަނެޓުން ސަރޗްކުރަމުން ދާކަމަށް ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާއަކުންވެސް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުންގެ ތަހުގީގަށް އެނގުނު ގޮތުގައި މިފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދިނުމަށް ހިއްވަރުލިބިގަތީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފަރާތުން "ޖަޒީރާގެ ޒުވާނުން" ނަށް މުހާތަބުކޮށް ދީފައިވާ މެސެޖަކާ ގުޅިގެންނެވެ. އެގޮތުން އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފަރާތުން ދީފައިވާ މެސެޖުގައި ޓެރަރިޒަމްގެ އަމަލެއްކުރުމަށް ގޮވާލައި އެކަމަށް ހިއްވަރުލިބި، ރާއްޖޭގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން ދިޔަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ 2020 ވަނަ އަހަރު ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތާ ދިމާކޮށް އެ ސްކޫލްގެ ލެބޯޓަރީ ގޮއްވާލުމަށް ރޭވިކަމާއި، މިދުވަސްވަރު ސްކޫލްގެ ލެބޯޓަރީގެ ކެމިކަލް ރައްކާކުރާ ގުދަން ފަޅާލާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި މިމައްސަލައާ ގުޅިގެން ތިމަރަފުށީގެ 16 ގެއެއް ބަލައިފާސްކޮށް، "ނަސާޙް-3" ދޯންޏާއި، ތިމަރަފުށިން އިތުރު ދެތަނެއް ބަލާ ފާސްކޮށްފައިވާއިރު މި މައްސަލާގައި ތުހުމަތުކުރެވިގެން ހައްޔަރުކުރި މީހެއްގެ ފޯނުން، އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ޚޮރާސަންޕްރޮވިންސް ގެ ފަރާތުން އަމީރެއްގެ ގޮތުގައި ތ. ތިމަރަފުށި / ފެހިވިދުވަރުގެ، ޢަބްދުﷲ ޝަރީފް އައްޔަންކޮށްފައިވާކަމާ ގުޅޭ ލިޔުމެއްފެނިފައިވާ ކަަމަށެވެ.
އަދި ނޮވެމްބަރ 11 ވަނަ ދުވަހު "ނަޞާޙް-3" ދޯނި ބަލައިފާސްކުރިއިރު އައިއީޑީއެއް ތައްޔާރުކުރުމަށް ބޭނުންކުރެވިދާނެ ކަމަށްބެލެވޭ ބައެއް އާލާތްތައް އެ ދޯނިން ފެނިފައިވާއިރު ދޯނި އަޅާފައި އޮތް ސަރަހައްދުން މޫދުއަޑި ބަލައިފާސްކުރިއިރު 10 މީޓަރުއަޑިން، ބަޑިބޭސް އެކުލެވޭކަމަށްބެލެވޭ ކާޓްރިޖްތަކެއް ވެސް ވަނީ ފެނިފައެވެ.
މީގެއިތުރުން މައްސަލައާ ގުޅިގެން ބަލައިފާސްކުރި ގެއަކުން، އައިއީޑީއެއް ތައްޔާރުކުރަން ބޭނުންކުރެވިދާނެ ބައެއް އާލާތްތަކާއި ގޮވާ ތަކެތި ތައްޔާރުކުރުމާ ގުޅޭ މެނުއަލް ފަދަ ލިޔުންތައް ހުރި ޑިވައިސްތައް ފެނިފައިވާއިރު މިމައްސަލާގައި ތުހުމަތުކުރެވިގެން ހައްޔަރުކުރި މީހަކު އެކްސްޕްލޯސިވްއެއް ތައްޔާރުކުރަން ބޭނުންވާ ކެމިކަލް ހޯދާފައިވާކަން ވެސް ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ.