ވަރލްޑް ބޭންކުގެ ފަރާތުން ރާއްޖޭގެ މަސައްކަތްތެރިންނަށް 21.6 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
އެ ބޭންކުން ބުނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ލިބެމުންދާ ގެއްލުމުގެ ނޭދެވޭ އަސަަރުކޮށްފައިވާ މަސައްކަތްތެރިންނަށާއި އެމީހުންގެ އާއިލާތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
ވަރލްޑް ބޭންކުން ބުނީ އެ ބޭންކުން ފޯރުކޮށްދޭން ނިންމާފައިވާ މާލީ އެހީ ބޭނުން ކުރާނީ ކޮވިޑާއި ގުޅިގެން ސަރުކާރުން ފަށާފައިވާ އިންކަމް ސަޕޯޓް އެލަވަންސް ޕްރޮޖެކްޓުގައި ކަމަށެވެ. އަދި މި އެހީގެ ސަބަބުން އިންކަމް ސަޕޯޓް އެލަވަންސް ދޫކުރެވޭ މުއްދަތު އިތުރުކުރެވިގެންދާނެ ކަމަށެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ދިވެހި ސަރުކާރުން ނިންމީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރި އަސަރާއި އެކު ވަޒީފާ ގެއްލުނު މީހުންނަށް އެހީތެރިވުމުގެ ގޮތުންނެވެ. އެގޮތުން އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާ ކޮންމެ މީހަކަށް ވެސް ގިނަ ވެގެން ލިބޭނީ 5،000 ރުފިޔާއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމުން އަރައިގަތުމަށް ވަރލްޑް ބޭންކުގެ ފަރާތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކޮވިޑަށް ރާއްޖޭގެ ސިއްހީ ނިޒާމު ތައްޔާރުކުރުމަށް ވެސް އެ ބޭންކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.