ލ. އިސްދޫ ބަނދަރު ތަރައްގީކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އިސްދޫ ބަނދަރުގެ އެންމެ ފަހުގެ އަޕްޑޭޓްތައް ހިއްސާ ކުރަމުން އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށެވެ. އަދި އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ %45 ނިމިފައިވާ ކަމަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން 27،129 އަކަމީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 230 މީޓަރުގެ އެއްގަމު ތޮށިލުމުގެ އިތުރުން 208 މީޓަރުގެ ބޭރު ތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 98 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި 1،560 އަކަމީޓަރުގެ ސަރަހައްދެއްގެ ޕޭވްމަންޓު ހެދުމުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވާއިރު މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރެވޭނެއެވެ. މި މަސައްކަތް އެމްޓީސީސީއިން ކުރަމުންދަނީ ޑިޒައިން އެންޑް ބިލްޑްގެ އުސޫލުންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރަސްޓްރަކްޗަރއިން އެމްޓިސީސީއާ މި މަޝްރޫއު ހަވާލުކުރީ 330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 34.7 މިލިއަން ރުފިޔާއަށެވެ.