ނަކަލުކޮށްފައިވާ ޕާސްޕޯޓެެއް ބޭނުންކޮށް ރާއްޖެއަށް އެތެރެވާން އުޅުނު މީހަކު އިމިގްރޭޝަން ބޯރޑަރ ސެކިއުރިޓީން ހިފަހައްޓައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ކައުންޓަރޕިޓް ނުވަތަ ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން ރާއްޖެ އެތެރެވުމަށް މީހަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އިމިގްރޭޝަނުން ބުނީ މިފަދަ ޕާސްޕޯޓަކާއި އެކު ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރީ 28 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.
މީގެކުރިންވެސް އިމިގްރޭޝަނުން ވަނީ ނަކަލުކޮށްފައިވާ ޕާސްޕޯޓާއި އެކު ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރި މީހުން ހުއްޓުވާ، އަނބުރާ ގައުމަށް ފޮނުވާލާފައެވެ.
ރާއްޖޭގެ އިމިގްރޭޝަންގައި ބޭނުންކުރާ ޕަރސަނަލް އައިޑިންޓިފިކޭޝަން ސެކުއަރ އެންޑް އިވެލުއޭޝަން ސިސްޓަމް (ޕައިސިސް) އަކީ ގައުމުތަކަށް އެތެރެވެ ބޭރުވާ މީހުންގެ މައުލޫމާތު ހޯދުމަށް ބޭނުންކުރާ ސިސްޓަމެކެވެ. މި ސިސްޓަމް ގާއިމްކޮށް ނިންމާލާފައިވަނީ 2019 ވަނަ އަހަރުއެވެ.
އެ ސިސްޓަމް މެދުވެރިކޮށް އެތެރެވާ މީހާގެ ޕާސްޕޯޓަކީ ސައްހަ ޕާސްޕޯޓެއް ކަމާއި، ރެޑް ނޯޓިސް ނެރެފައިވާ މީހެއްތޯ އާއި ކުށުގެ ރެކޯޑަށް ބަލައި، އެ މީހަކީ ނުރައްކާ ތެރި މީހެއްކަން ދެނެގަނެވޭނެއެވެ. އެމެރިކާގެ ބޫޒް އެލެން ހެމިލްޓަނުން ފަރުމާކޮށްފައިވާ ޕައިސިސް ސިސްޓަމް މެދުވެރިކޮށް ގައުމުތަކަށް ހަމަލާދޭން މަސައްކަތް ކޮށްފައިވާ ބައެއް މީހުންގެ މައުލޫމާތު ވަނީ ދެނެގަނެވިފައެވެ.