އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އެއްވަރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިކަން ހާމަކޮށް ކުރި ޓުވީޓެއްގައި ބުނީ އައްޑޫގެ މަގުތައް ހަދަން ފެށުމުގެ އުފާވެރި މަންޒަރު ރައްޔިތުންނަށް ފެންނަން ފަށައިފައިވާކަމަށް ބުނެފައެވެ. އެގޮތުން އެ ކައުންސިލުން ވަނީ މި ޓުވީޓުގައި ފޭދޫ ބޮޑުމަގު ރީސަރފޭސް ކުރުމުގެ މަސައްކަތް ކުރަމުންދާ ފޮޓޯއެއް ހިއްސާކޮށްފައެވެ.
އައްޑޫ ސިޓީގެ 18 މަގެއްގައި ތާރު އަޅައި ބައެއް މަގުތައް އަލުން މަރާމާތުކޮށް ރަނގަޅުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު މިމަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖީކޭ ޑިވޮލަޕްމެންޓްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަޝްރޫއުގެ ދަށުން އެ ސިޓީގެ 18 މަގެއްގައި ތާރު އެޅިގެންދާނެއެވެ. އަދި ނަރުދަމާގެ މަސައްކަތް ކުރުމަށް ކޮނެފައިވާ މަރަދޫ، މަރަދޫ-ފޭދޫ، ފޭދޫގެ ބޮޑުމަގު އަލުން އެއްވަރުވަރު ކުރެވޭނެއެވެ. މި މަޝްރޫއަށް 134 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.