ފުލުހުން ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: އަވަސް

މޭ 6ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް އެމަނިކުފާނުގެ ބަޔާން ނެގުމަށް ވަފުދެއް ޔޫކޭއަށް ދިއުމާމެދު އަދި ގޮތެއް ނުނިންމައެވެ.

މިކަމާ ގުޅިގެން "ޖަޒީރާ" އިން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުން ބުނީ، ބަޔާން ނެގުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށާއި، އަދި ގޮތެއް ނިމިފައި ނުވާ ކަމަށެވެ. ފުލުހުން ބުނީ ރައީސް ނަޝީދު ބަޔާން ދެއްވުމާ ގުޅޭގޮތުން ޕީޖީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ

އެހެންކަމުން ޕީޖީ އާ ގުޅިގެން އެކަމުގައި ކުރިއަށްދާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ހަމަލާގެ ތަހުގީގަށް ރައީސް ނަޝީދު ބަޔާން ދެއްވަން ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް އެމަނިކުފާނު ވަނީ، ރާއްޖެ ނާދެވޭނެ ދެ ސަބަބު ހާމަ ކުރައްވާފައެވެ.

ފުރަތަމަ ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ އެމަނިކުފާނުގެ ކަނާތުގެ 3 އިނގިލި އަދިވެސް ވަރަށްބޮޑަށް އައްސިވެފައިވާ ކަމަށާއި ބޭނުން ނުކުރެވޭ ކަމަށެވެ. އަދި ޑޮކްޓަރާ ހަވާލާދީ އެމަނިކުފާނު ވިދާޅުވީ އިތުރަށް ބަލާފައި އޮޕަރޭޝަން ކުރަން ޖެހޭނަމަ އޮޕަރޭޝަން ކުރާނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މިހާރު ކޮންމެ 2 ހަފްތާއަކުން އެއް ފަހަރު ޑޮކްޓަރަށް ދާންޖެހޭ ކަމަށާއި، ޑޮކްޓަރަށް ދާންޖެހޭ މުއްދަތު ކޮންމެ މަހަކަށް ބަދަލު ވީމައި ރާއްޖެ ވަޑައިގަންނަވަން ފަސޭހަ ވާނެ ކަމަށެވެ.

ދެވަނަ ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ޓެރަރިސްޓް ހަމަލާ ރާވައި، ފައިސާ ޚަރަދު ކުރި މީހުންގެ ތަހުގީގު އަދި ނުނިމޭ މައްސަލައެވެ. މި ދެކަންތައް މިހެން ހުރުމުން ރާއްޖެ ވަޑައިގެންނެވެން ނެތް ކަމަށް އެމަނިކުފަނު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.