ގިންތީގެ ތަފާތުކުރުމެއް ނެތި ޤައުމީ ޚިދުމަތުގެ ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުޞަތު ކޮންމެ މީހަކަށް ވެސް ފަހިކޮށްދިނުމާއި، އެ ދާއިރާތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

އެ މަނިކުފާނު މިހެން ވިދާޅުވީ ސިފައިންގެ އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް މިއަދު މެންދުރުކުރީގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ މައި މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު މަޤާމުގެ ކުރިއެރުން ލިބިވަޑައިގެންނެވި ސިފައިންގެ އޮފިސަރުންނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއީ ސިފައިންގެ ތާރީޚުގައި އަންހެން އޮފިސަރުންނަށް މޭޖަރގެ ރޭންކުން ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ޕްރޮމޯޝަން ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފައެވެ. އަދި މި ކަމުން ދޭހަކޮށްދެނީ، ދިވެހި ޢަސްކަރިއްޔާގައި ވެސް އަންހެން ބޭފުޅުންނަށް އޮތް ހަމަ ފުރުޞަތުތައް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ސިފައިންނަށް މަޤާމުގެ ކުރިއެރުން ދިނުމުގައި ވެސް، ޒަމާނީ ޢަސްކަރިއްޔާތަކުގައި އެ ކަން ކުރަމުން އަންނަ ގޮތް ބަލައި، އެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި މަޤާމުގެ ކުރިއެރުން ދިނުމުގެ ނިޒާމު ހަރުދަނާވެގެން އަންނައިރު، ސިފައިންގެ ތަޢުލީމީ ފެންވަރާއި، އެ މީހެއްގެ ސިފަވަންތަ އަޚްލާޤާއި، ނަތީޖާ ނެރެދޭ މިންވަރާއި، ހުނަރުވެރިކަމަށް އިސްކަންދިނުމަކީ ވަރަށް މުހިންމުކަމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސިފައިންނަކީ ޤާބިލު އަދި ހުނަރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. މި ގޮތުން، ސިފައިންނަށް ބޭނުންވާ އުޅަނދުފަހަރާއި ޢަސްކަރީ އާލާތްތައް ހޯދައި، ޒަމާނީ ވަސީލަތްތައް ޤާއިމުކުރަމުން އަންނަ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިވެހި ސިފައިން ތަމްރީންކުރުމުގެ މަސައްކަތް، ކުރިއަށްވުރެ އިތުރުކޮށްފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފައިންނާއި ސިފައިންގެ ޢާއިލާތަކުގެ ވެލްފެއަރ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އެ މަނިކުފާނު ވަނީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް، ދިވެހި ސިފައިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.