2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ ދަށްވި ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފިއެވެ.
މީރާ އިން ބުނީ އެ އޮތޯރިޓީގެ އާމްދަނީ ދަށަށް ގޮސްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުން، އެ ސިނާއަތުން ދައުލަތަށް ލިބޭ ޓެކުހާއި ފީގެ މިންވަރު ދަށަށް ދިއުމުން ކަމަށެވެ. އަދި ޓީ.ޖީ.އެސް.ޓީ، ޖީ.ޖީ.އެސް.ޓީ އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ، އެއަރޕޯޓު ސަރވިސް ޗަރޖްގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި އެ އޮޠޯރިޓީން ބަލައިގަތް އާމްދަނީ ދަށްވުމާ ގުޅިގެން ކަމަށެވެ.
2020 ވަނަ އަހަރުގެ ފަހު ކުއަރޓަރގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި މީރާއިން މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި ބަލައިގަތް އާމްދަނީއަކީ 1.89 ބިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅައިބަލާއިރު 48.2% ދަށް އަދަދެކެވެ.
ފަހު ކުއަރޓަރގައި މީރާއިން ވަނީ 1.35 ބިލިއަން ރުފިޔާ ޓެކުހުގެ އާމްދަނީގެ ގޮތުގައި ބަލައިގަނެފައެވެ. އެއީ މިދިޔަ އަހަރުގެ ފަހު ކުއަރޓަރ އާއި ބަލާއިރު 45.9% ދަށް އަދަދެކެވެ.
މީރާއިން ބުނީ 2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅައިބަލާއިރު، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޓެކުހުގެ އާމްދަނީގެ އިތުރުން މީރާއަށް ބަލައިގަންނަ އެހެނިހެން އާމްދަނީ ވަނީ ވެސް 613.54 މިލިއަން ރުފިޔާއިން ދަށްވެފައިވާ ކަމަށެވެ.