ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ބުނެ އިދިކޮޅުން މާލޭގެ މަގުމަތީގައި މުޒާހަރާ ކުރަން މިއަދު ފަށައިފިއެވެ.
އިދިކޮޅުގެ މުޒާހަރާ ފެށީ މިއަދު މެންދުރު އެކެއް ޖެހިހާއިރު ޕީޕިއެމް އޮފީސް ކުރިމަތިންނެވެ. އެއަށް ފަހު ލީޑާޝިޕްގެ ބޭފުޅުންވެސް ހިމެނޭ ގޮތަށް މުޒަހަރާގެ ބައިވެރިން މިސްރާބު ޖެހީ އަމީނީމަގުން އިލެކްޝަން ކޮމިޝަން (އީސީ) ގެ އިމާރާތާ ދިމާލަށެވެ.
ރައީސް އަބްދުﷲ ޔާމީން މިިނިވަން ކުރުމަށާއި، އިންތިހާބު އަވަސްކުރަން ގޮވާލާ ބައިވެރިން އަމީނީ މަގުން، އީސީ ހުންނަ ގޯޅިއާ ދިމާލަށް މިސްރާބު ޖަހަން އުޅުމުން ފުލުހުން ވަނީ އިސްކަންދަރު ކޮށި ކައިރިން ބައިވެރިން ފަހަތަށް ޖައްސާލާފައެވެ.
އެއަށް ފަހު ފަހަތަށް ޖައްސަމުން ގޮސް ގިޔާސުއްދީން ސްކޫލަށް ހަމަޔަށް ފަހަތަށް ޖެއްސުމުން އެތަން ދޫކޮށް ބާ ޖަމާލުއްދީން ސްކޫލު ކުރިމަތީގައި އަޑު އުފުލުމަށް ފަހު މަޖީދީ މަގުގައި ބައިވެރިން ދަނީ ދަނީ މުޒާހަރާ ކުރަމުންނެވެ.
ގާތް ގަނޑަކަށް 50 އެއްހާ މީހުން ބައިވެރިވި މި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް، ޝަހީދް އިބްރާޙިމްގެ އިތުރުން ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ހިމެނެއެވެ
އިދިކޮޅުން މުޒާހަރާ އަށް ނިކުމެފައިމިވަނީ ސީދާ ހަރަކާތަށް މަގުމަށްޗަށް ނިކުންނަންވެގެން ކައުންސިލުން ގަރާރެއް ފާސް ކުރުމަށް ފަހުއެވެ.