ގއ. ދެއްވަދޫ އިން ފެނުނު ކޮވިޑް-19 ކްލަސްޓަރ އާއި ގުޅުންހުރި 83 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފިއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑީއާތަކާއި މައުލޫމާތު ހިއްސާ ކުރައްވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އިއްޔެ ކްލަސްޓާއާ ގުޅުން ހުރި ދެ މީހަކު ޕޮޒިޓިވްވުމާ އެކު ޕޮޒިޓިވްވި މީހުންގެ ޖުމްލަ 83 އަށް އަރާފައިވާ ކަމަށެވެ.
ދެއްވަދޫ އިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސް އެއް ފެނުނީ މިދިޔަ ޑިސެމްބަރު 24 ގައެވެ. އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ހަތަރު މަހުގެ ތުއްތު ކުއްޖެކެވެ. ހޯމް ކަރަންޓީންގައި ތިބި އާއިލާއަކުން އެ ކުއްޖާ އެކަނި ޕޮޒިޓިވްވި އިރު އެންމެ ފުރަތަމަ އާއިލާ އަށް އެންގީ އެންމެން ނެގެޓިވް ކަމަށެވެ.
ދެއްވަދޫ ކްލަސްޓާއާއި ގުޅުންހުރި ކޭސްތަކެއް އެހެން ރަށްރަށުން ވެސް ވަނީ ފެނިފައެވެ. އެގޮތުން މި ކްލަސްޓަރ އާއި ގުޅުން ހުރި ކޭސްތަކެއް ގއ. ދާންދޫއިން ފެނިފައިވާއިރު އެ އަތޮޅު ވިލިނގިލިންވެސް ކޭސްތަކެއް ފެނުނެވެ. މީގެ އިތުރުން މި ކްލަސްޓަރ އާއު ގުޅުން ހުރި ކޭސްތަކެއް ލ. ފޮނަދޫއާއި ހުޅުމާލެއިން ވެސް ފެނުނެވެ.