ފުލުހުންގެ ރިޒަރވް ފޯސް، ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފުލުހުންގެ ސްޕެޝަލް ކޮންސްޓެބުލަރީގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ޖަނަވަރީ 24 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާއިރު ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުގެ 16:00 އެކެވެ.
ފުލުހުން ބުނީ މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމު ހުށަހަޅާނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ އިތުރުން ސ.ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ ސ.ގަން ޕޮލިސް ސްޓޭޝަން ނުވަތަ ސ.ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ރިޝެޕްޝަނަށް ކަމަށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.
ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބެލެވޭނެ ކަންކަމުގެ ތެރޭގައި މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށްދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވާން ޖެހެއެވެ. އަދި މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަނާއި ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތައް މަސައްކަތްކުރަން ޖެހޭނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ކަމަށެވެ.