ކޮވިޑް-19 ވެކްސިން ޖަހަން 19،000 ހާހަށް ވުރެ ގިނަ މީހުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފިއެވެ.
އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ދުވާލަކު އެއްހާސް މީހުން ވެކްސިން ޕޯޓަލް ގައި ރަޖިސްޓްރީވަމުން އަންނަ ކަމަށާއި، އިއްޔެގެ ނިޔަލަށް 19،666 މީހުން ޕޯޓަލްގައި ރަޖިސްޓްރީ ވެފައިވާ ކަމަށެވެ. ވީހާވެސް ގިނަ ބަޔަކު ރަޖިސްޓްރީވާން ޑރ. ނަޒްލާ ވަނީ ބާރުއަޅުއްވާފައެވެ.
ވެކްސިން ޖަހަން ރަޖިސްޓްރީވާން ޖެހެނީ https://my.health.mv/ ޕޯޓަލްގައެވެ. ޕޯޓަލްގައި ރަޖިސްޓްރީވާން މި މަހުގެ 18 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، ވެކްސިން ދިނުމަށް އިސްކަންދޭ ތަރުތީބެއް ވަނީ ކަނޑައަޅާފައެވެ.
ވެކްސިން ދިނުމުގައި
އިސްކަންދޭ ތަރުތީބު ބަހާލައިފައިވަނީ ތިންބަޔަށެވެ. އެއީ ސިއްހީ ހިދުމަތުގައި އަދި އިޖްތިމާއީ ހިދުމަތުގައި އިސްސަފުގައި މަސައްކަތްކުރާ މީހުންންނާއި، ބަލީގެ ނުރައްކާ އެންމެ ބޮޑުވާނެ މީހުންގެ އިތުރުން އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި ރާއްޖޭގައި ދިރިއުޅޭ
މީހުންގެ ތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނެވެ.
މި މަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ވެކްސިން ފޯރުކޮށްދީފައިވަނީ އިންޑިއާއިންނެވެ. އިންޑިއާ އިން ވަނީ 100،000 ޑޯޒްގެ ވެކްސިން ރާއްޖެ އަށް ހަދިޔާކޮށްފައެވެ.