ސަރުކާރު ކޯލިޝަން ގައި ހިމެނޭ އަދާލަތު ޕާޓީ ވުޖޫދުން ފޮހެލަން ބަޔަކު މަސައްކަތްކުރާ ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ތުހުމަތު ކުރައްވައިފިއެވެ.
އަދާލަތު ވުޖޫދުން ފޮހެލަން މަސައްކަތް ކުރަމުންދާ ކަމަށް އިމްރާން ހާމަކުރައްވާފައިމިވަނީ، ޕާޓީގެ ރައީސް ކަމަށް އިތުރު ދައުރަކަށް ވާދަކުރައްވަން ނިންމަވައި، ކެމްޕޭނު ލޯންޗު ކުރުމަށް ރޭ ސޯލްޓް ކެފޭ ގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ، އަދާލަތުގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭނު ކުރައްވަން ނިކުމެވަޑައިގަންނަވާނެ ކަމަށް އެެއްވެސް އިރެއްގައި ހީފުޅު ނުކުރައްވާ ކަމަށާއި، ކުރިމަތިލައްވަން ނިންމެވީ ރާއްޖޭގެ މިއަދުގެ ސިޔާސީ މަސްރަހަށް އައިސްފައިވާ އަސަރުތަކާއި، ލޮޅުންތަކުގެ ސަބަބުން ބައެއް ކަހަލަ ނުފޫޒުތައް ޕާޓީގެ ތެރެއަށް ވަނދެ ސަފުތައް ބައިބައި ކުރުމަށް މަސަައްކަތްތަކެއް ކުރަމުންދާތީ ކަމަށެވެ.
''ޕާޓީ އަދާކުރަމުންދާ މުހިއްމު ދައުރަށް ކުރިޔަށް އޮތް ދުވަސްތަކުގައި ކޮށްފާނެ ނުރައްކާތެރި އަސަރަށްޓަކައި އަޅުގަނޑުމެން ގަސްތުކުރީ މި ފަހަރުގެ މި އިންތިހާބުގައި ކުރިޔަށް ގެންދިޔުމަށްޓަކައި ހަރުތަނުން މިކަން ކުރާނެ ގޮތަށް ކުރިޔަށް ގެންދިޔުން'' އިމްރާން ވިދާޅުވިއެވެ.
އަދާލަތުގެ މާޒީއަށް ނަޒަރު ހިންގަވަމުން އިމްރާން ވިދާޅުވީ، މީގެ 15 ވަރަކަށް އަހަރުކުރިން އަދާލަތު އުފެދިގެން އައީ ސިޔާސީ މަޝްރަހު ހަލަބޮލިކޮށް އޮތް ހިނދެއްގައި ކަމަށެވެ. އަދި ޕާޓީގެ މަގްސަދަކަށް ވެގެން ދިޔައީ ސިޔާސީ މަސްރަހު އޭރު އުފެދިގެން ދިޔަ ގޮތުން އިސްލާމްދީނުގެ އިސްތިގުލާލުގައި އަދާލަތު ޕާޓީ ކަހަލަ ބަޔަކު ތިބެގެން މަސައްކަތް ނުކޮށްފިނަމަ މުޅި ގައުމުން ދިމާވެފައިވާ ކަންތައްތަކުން އަރައިގަނެ ސިޔާސީ މަސްރަހުގައި ބެލެންސް ކުރުމަށްޓަކައި އެފަދަ ޕާޓީއެއް އޮތުމުގެ މުހިއްމުކަން ވިސްނިގެން ކަމަށެވެ.
އޭރުވެސް ޕާޓީ އުފެދުނަ ނުދިނުމަށްޓަކައި މަސައްކަތްކުރި ފަދައިން އަނެއްކާވެސް މި ދަނޑިވަޅުގައި ޕާޓީ ކުޑަކޮށް ބަލިކަށިކޮށް ނިކަމެތި ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ސާފު މަންޒަރު ފެނިވަޑައިގަންނަވަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ސަބަބަކީ އެއީ ކަމަށް އިމްރާން ވިދާޅުވިއެވެ.
''ހަގީގަތުގައިވެސް މި މަންޒަރު ވަރަށް ސާފުކޮށް ފެންނަން ނެތް ނަމަ ކޮންމެހެން މި ވަގުތަކު އަޅުގަނޑު މި ޕާޓީގެ ރައީސްކަން ކުރާކަށް ނުނިކުތީސް. އެހެން ނަމަވެސް ޕާޓީ ބަލިކަށިކޮށް ނިކަމެތިކޮށް ޕާޓީ ވުޖޫދުން ފޮހެލުމަށް އެހެން ބަޔަކު ފޫގަޅައިގެން މަސައްކަތްތަކެއް ކުރަމުން ބާރަށް ނިކުންނާތީވެ އޭގެ ކުރިމަތީގައި ސާބިތުކަމާއި އެކު ހުރުމަށް އަޅުގަނޑު އިރާދަކުރެއްވިއްޔާ ނިޔަތް ގަނެގެން މިހިރީ'' އިމްރާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޕާޓީ އުފެދިގެން މިހާތަނަށް އައިރު ފަސޭހަ އަދި އުދަނގޫ އެތައް މަރުހަލާތަކެއް ކަޑައްތުކުރެވިފައިވެއެވެ. ނަމަވެސް ޕާޓީ ދެމިއޮންނާނީ ސާބިތުކަމާއި އެކު ކަމުގެ ޔަގީންކަން އިމްރާން ދެއްވިއެވެ.
އަދާލަތު އަބަދުވެސް އޮންނާނީ ހަރުދަނާ ބިންގަލެއްގެ މައްޗަށް، 100 އަހަރަށް ދެމި އޮތަސް މަގްސަދު އަދި އަމާޒު ގެއްލުވާނުލައި ވަރުގަދަ އަސާސެއްގެ މަތީކަން އިމްރާން ފާހަގަކުރެއްވިއެވެ.