ރާއްޖެއާ ޗައިނާއާ ދެމެދު ބާއްވާ ބައިލޭޓަރަލް ކޮންސަލްޓޭޝަންސްގެ 7 ވަނަ ބުރު މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލު ކަމަށެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ލޫ ޝައުހުއީ ކަމަށެވެ.
ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ކޮވިޑް-19 އާއި ދެކޮޅަށް ކުރެވޭ މަސައްކަތްތުގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ބާއްވާ މި މަޝްވަރާ ބައްދަލުވުންތަކުގައި ކޮވިޑުން އަރައިގަނެ، އިޤްތިޞާދު ކޮޅަށް ޖެހުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ދެޤައުމުގެ މެދުގައި ވިޔަފާރިއާއި ފަތުރުވެރިކަން ވީހާވެސް އަވަހަކަށް އިއާދަކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރެވޭ މިދަނޑިވަޅުގައި ޗައިނާ ފަދަ ތަރައްޤީގެ ބައިވެރިންނާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ދިވެހި ސަރުކާރުން އޮތީ ތައްޔާރަށް ކަމަށެވެ. އެގޮތުން 2021 ވަނަ އަހަރު އިތުރު ދާއިރާތަކުން ގުޅުން ބަދަހިކޮށް، ކުރިއަށް ހުރި ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން ދިވެހި ސަރުކާރުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މިފަހަރުގެ ކޮންސަލްޓޭޝަންސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ވަރޗުއަލްކޮށެވެ.