"ޖަޒީރާ ސައްލާ" ނަމުގައި ސަރުކާރުން ހާއްސަ އިވެންޓެއް ބާއްވަން ނިންމައިފިއެވެ.
މި އިވެންޓް ބާއްވާނެ ވަކި ތާރީޚެއް އަދި ސަރުކާރުން އިއުލާންކޮށްފައި ނުވިނަމަވެސް، ވަރަށް އަވަހަށް މި އިވެންޓް ބާއްވާނެކަމަށް މައުލޫމާތު ލިބެއެވެ. މިއީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރާ ފަރާތްތަކަށް ރައްޔިތުންގެ ޚިޔާލު، ކަންބޮޑުވުންތައް އަދި ޝުއޫރުތައް ހިއްސާ ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ އިވެންޓެކެވެ.
ކުރިންވެސް ސަރުކާރުންވަނީ މިފަދަ އިވެންޓްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އިސް ނެންގެވުމުގެ ދަށުން "ޖަޒީރާ ހޮޅުއަށި" ނަމުގައި ސިލްސިލާ ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. މި ބައްދަލުވުންތަކުގައި މުހިންމު ގިނަ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާހޯދާފައިވާއިރު، މިފަހަރު ބާއްވާ "ޖަޒީރާ ސައްލާ"އިންވެސް އެކަން ސަރުކާރުން ކުރާނެކަމަށް ބެލެވެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު، ރައްޔިތުންގެ ހިޔާލާއި ފިކުރު ހޯދައިގެން ރައްޔިތުން އެދޭ ވެރިކަމެއް ގާއިމްކޮށްދެއްވާނެކަމަށް ރައީސް ޞާލިހު ވަނީ ވައުދުވެވަޑައިގެންފައެވެ.